ގަޓު ހުރި ސަރުކާރަކަށް ވާނީ ރައްޔިތުންނަށް އަނިޔާވެރިވާކަން އަމިއްލައަށް ގަބޫލުކޮށްގެން އެކަމަށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމުން ކަަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ވިދާޅުވެއްޖެ އެވެ.
މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ، މިއަދު ގައުމުގައި އިންސާފުގެ ވާހަކަދެއްކޭނެ މާހައުލެއް ނެތް ކަމަށާއި އެފަދަ މާހައުލެއް ގާއިމް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މިއަދު ގައުމުގައި އުންމީދެއް، އިންސާފެއް ނެތް ކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގުޅިގެން މިކުރާ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބު ކުރާނެ ކަމަށެވެ.
" ތިބޭފުޅުންނަށް ކެރިވަޑައިގަންނަކަމަކީ، ނުވަތަ ޝަހުސިއްޔަތުގެ ވަރުގަދަކަން ފެންނާނެ ކަމަކީ އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން ކަންކަން ކޮށްގެން." ޝާހު ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ، މިއަދު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީ އައި ފަހުން މަޖިލީހުގެ އެތައް މެންބަރުންތަކެއް ޕާޓީ ބަދަލު ކުރި ކަމަށާއި އެހެން ނަމަވެސް އެކަން އެހެން ބަޔަކު ހަމަ އެގޮތަށް ކުރައްވަން ފެއްޓެވުމުން އެކަން ގޯސްވެގެންދިޔަ މަންޒަރު ފެނިގެން ހިނގައްޖެ ކަމަށެވެ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
" ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކީ އެ މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތް ރައީސެއް. އެ ރައީސަށް އިތުބާރު ނެތްކަމަށް ސޮއިކޮށްފައިވަނީ އަމިއްލަ އިއުތިރާފުގައި. އެއްވެސް މަޖުބޫރު ކަމެއް ނެތި" ޝާހު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސުގެ މަގާމުގައި އަބްދުﷲ މަސީހު ހުރުމުގެ އެއްވެސް ޖާއިޒު ކަމެއް ނުހުންނާނެ ކަމަށް ޝާހު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ޝާހުގެ މެމްބަރުކަން ގެއްލިފައިވާކަމަށް ކަނޑައަޅާފައެވެ.