ކ. މާލެ
|
9 ނޮވެންބަރ 2017 | ބުރާސްފަތި 05:35
ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން: ބޮޑެތި ބާރުތަކާއެކު އުފައްދާފައިވާ ސައުދީ އެންޓި ކޮރަޕްޝަން ކޮމިޓީގެ ޗެއަރމަނަކީ އޭނާ
ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން: ބޮޑެތި ބާރުތަކާއެކު އުފައްދާފައިވާ ސައުދީ އެންޓި ކޮރަޕްޝަން ކޮމިޓީގެ ޗެއަރމަނަކީ އޭނާ
ގެޓީ އިމޭޖަސް
ސައުދީ ކޮރަޕްޝަން
ސައުދީ ޝާހީ އާއިލާގެ ބޭފުޅުންނަށް ހިމާޔަތް ދިނުމަށް ޔަމަނުގެ ހޫތީން ހުށަހަޅައިފި
ސައުދީ ކޮންމެ އަމީރަކަށް "އަވަށްޓެރި އަޚެއް" ގެ ގޮތުގައި ޔަމަނުން މަރުޚަބާ ކިޔާނެ: ހޫތީން
ސައުދީ ދޫކޮށްދާން ބޭނުންވާ ކޮންމެ މީހަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހޫތީން ތިބީ ތައްޔާރަށް
ސައުދީން ވަނީ ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެގެންފައި

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ އަމީރުންނަށް ސިޔާސީ ހިމާޔަތް ދިނުމަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ހުށަހަޅައިފި އެވެ.

ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ އިސްފަރާތްތަކާ ގާތް މަސްދަރަކާ ހަވާލާދީ އަލްޖަޒީރާ އިން ބުނީ، ޔަމަނުން ހިމާޔަތް ހޯދުމަށް އެދޭ ސައުދީ ޝާހީ އާއިލާގެ ކޮންމެ އަމީރަކަށްވެސް "އަވަށްޓެރި އަޚެއް" ގެ ގޮތުގައި މަރުޚަބާ ކިޔާނޭ ކަމަށެވެ.

ނަން ސިއްރު ކުރުމަށް ޝަރުތުކޮށް އަލްޖަޒީރާއާ ވާހަކަ ދެއްކި ފަރާތުން ބުނީ، ސައުދީގެ މިހާރުގެ ހާލަތާ ގުޅިގެން ގައުމު ދޫކޮށް ދާން ބޭނުންވާ ޝާހީ އާއިލާގެ ބޭފުޅުންނާއި ސައުދީގެ އެހެން ރައްޔިތުންނަށް، ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޔަމަނުގެ ހޫތީން ތައްޔާރަށް އޮތް ކަމަށެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ޝާހީ ގަރާރަކުން އެކުލަވާލި އެންޓި ކޮރަޕްޝަން ކޮމިޓީގެ އަމުރަށް މިދިޔަ އާދީއްތަ ދުވަހު ވަނީ، ސައުދީ ޝާހީ އާއިލާގެ 11 އަމީރަކާއި، ހަތަރު ވަޒީރަކާއި ކުރީގެ ވަޒީރުންގެ އިތުރުން ގިނަ އަދަދެއްގެ ބޮޑެތި ވިޔަފާރިވެރިންތަކެއް ހައްޔަރުކޮށްފައެވެ.

ސައުދީ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ރިޔާސަތުގައި އިންނަވާ އެކޮމިޓީގެ އަމުރަށް ހައްޔަރު ކުރި މީހުންގެ ތެރޭގައި ދުނިޔެއަށް މަޝްހޫރު އިންވެސްޓަރު އަދި ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނޭ ބިލިއަނަރު ޕްރިންސް އަލްވަލީދު ބިން ތަލާލް، އަދި ނޭޝަނަލް ގާޑްގެ މަގާމުން ވަކި ކުރެއްވި ޕްރިންސް މިތެބް ބިން އަބްދުﷲގެ އިތުރުން އިގްތިސޯދީ ވަޒީރުގެ މަގާމުން ވަކި ކުރެއްވި އަދެލް ފާޤިޙް ހިމެނެއެވެ.

ހޫތީން އިސްވެ އޮވެ އުފައްދާފައިވާ ޔަމަނުގެ ރިވޮލިއުޝަނަރީ ކޮމިޓީގެ ރައީސް މުހައްމަދު އަލީ އަލް-ހޫތީ އަދި ހޫތީންގެ ލީޑަރުގެ ދެބެއިންގެ ދެދަރި އަބްދުލް މާލިކް އަލް-ހޫތީ ވެސް ވަނީ ސައުދީ ޝާހީ އާއިލާގެ އަމާޒަށް ވެފައިވާ ސައުދީ ރައްޔިތުން ޔަމަނުން ބަލައިގަންނާނެކަން ހާމަކޮށްފައެވެ.

ސައުދީ އަރަބިއްޔާގެ ވަލީއަހުދުގެ މަގާމަށް މުޙައްމަދު ބިން ނާއިފްގެ ބަދަލުގައި ރަސްގެފާނު ސަލްމާންގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން އައްޔަން ކުރިފަހުން، ސައުދީ އަރަބިއްޔާ އިން މީގެ ކުރިން ގެންގުޅެފައިވާ އުސޫލްތަކާއި ޚިލާފް އެތައް ކަމެއް ދަނީ ހިނގަމުންނެވެ.

އެގޮތުން މުޙައްމަދު ބިން ސަލްމާންގެ އިސްނެންގެވުމުގެ މަތިން ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސައުދީން ވަދެގެންފައިވާއިރު، އެހަނގުރާމައިގައި 10 ހާހަށްވުރެ ގިނަ މީހުން މަރުވެ، 40،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.

މީގެ އިތުރުން ޔަމަނުގައި ސައުދީން ހިންގާ އަސްކަރީ އޮޕަރޭޝަނާއި ގުޅިގެން ޔަމަނުގައި އެގައުމުގައި ބާރު ސްޕީޑުގައި ކޮލެރާ ފެތުރެމުންދާ ކަމަށާއި، އެކަމުގެ އަސަރު ފަސް ލައްކަ އަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް