ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ.
ސަޢޫދީގެ މަސްރަޙު ވަރަށް ބޮޑަށް ހޫނުވެފައިވާ މިދަނޑިވަޅުގައި މިނިސްޓަރ ޝައިނީ ސަޢޫދީއަށް ވަޑައިގެންނެވި ސީދާ ސަބަބެއް ފިޝަރީޒް މިނިސްޓްރީން ވެސް އަދި ފޮރިން މިނިސްޓްރީން ވެސް ހާމަކޮށްފައެއް ނުވެއެވެ. މިނިސްޓަރ ޝައިނީ ސަޢޫދީއަށް ވަޑައިގެން، ރާއްޖެއިން ސަޢޫދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި އަދި ސަޢޫދީން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާ ބައްދަލުކުރައްވާފައި ވެއެވެ.
ސަޢޫދީގެ ވެރިރަށް ރިޔާޒްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއަރޕޯޓުން މިނިސްޓަރ ޝައިނީއަށް މަރުޙަބާ ދެންނެވީ ރާއްޖެއިން ސަޢޫދީއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަބްދުﷲ ޙަމީދެވެ. މިނިސްޓަރ ޝައިނީ ސަޢޫދީއަށް ވަޑައިގެންފައި މިވަނީ ރާއްޖެއިން ޢަރަބި ޤައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ދާދިފަހުން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންވަނީ ޔޫއޭއީ، ބަހްރައިން އަދި ލުބްނާނަށް ޒިޔާރަތްކުރައްވާފައެވެ.