ދިވެހި ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް ލަފާއަރުވާ ކޮންސަލްޓަންޓުންގެ މަސައްކަތުން 2018 ވަނަ އަހަރު މިނިވަން، އިންސާފުވެރި އަދި އެންމެހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިޚާބަކަށް މަގުފަހިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ޕީއާރް ކޮންސަލްޓަންޓުނާ ގުޅުން އެބައޮތް ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ޕީއާރް ކުންފުންޏެއް ކަމެއް ރައީސް ނަޝީދު ހާމަކުރައްވާފައެއް ނުވެއެވެ.
ރާއްޖެ އެމްވީއަށް އެނގިފައި ވާގޮތުގައި މިހާރު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓާ ދިމާކޮށް ދިވެހި ސަރުކާރުގެ ފަރާތުން ޕަބްލިކް ރިލޭޝަންސް ކޮންސަލްޓަންޓުން ލަންޑަނުގައި ގެންދަވަނީ މަސައްކަތްކުރަމުންނެވެ.
Good to be in touch with GoM's new PR consultants. I'm glad their efforts will clear the path to free, fair & inclusive 2018 elections.
— Mohamed Nasheed (@MohamedNasheed) November 8, 2017
ރައީސް ނަޝީދަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން، އަދި އެމަނިކުފާނު ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އިންޑިއާ އާއި އެމެރިކާއިން ވެސް ރާއްޖޭގެ ކަންތައްތަކާ މެދު މަޝްވަރާކުރަމުންދާއިރު، އެމަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުގައި އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ބައިނަލްއަޤްވާމީ މީޑިއާގައި ބުދަ ދުވަހު ވެސް ވިދާޅުވިއެވެ.
އެހެން ނަމަވެސް ރައީސް ނަޝީދުގެ މިވިދާޅުވުމަށް ދިވެހި ސަރުކާރާއި ވެރިކަންކުރާ ޕީޕީއެމްގެ އެންމެ މަތީ ލެވެލްގެ ބޭފުޅުން ގެންދަވަނީ ރައްދު ދެއްވަމުންނެވެ. އެގޮތުން ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ޕީޕީއެމްގެ ލީޑަރޝިޕުން ބުދަ ދުވަހު ވެސް ބުންޏެވެ.