ސްޕެއިންގެ ސަރަހައްދުތަކުގައި މިނިވަންވުމަށް ފެނޭތޯ ބެލުމަށް ވޯޓު ނެގުން ހުއްދަކޮށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ވިސްނަމުންދާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ބީބީސީގައި ވާހަކަ ދައްކަވަމުން އަލްފޮންސޯ ޑަސްޓިސް ވިދާޅުވީ އެފަދަ ވޯޓެއް ނެގެން ޖެހޭނީ މުޅި ގައުމުގައި ކަމަށެވެ. ސްޕެއިން އިން މިފަދަ ފިޔަވަޅެއް އަޅަން ނިންމާފައި މިވަނީ ކެޓަލޯނިއާ އިން އެ ސަރަހައްދު ވަކި ދައުލަތެއްގެ ގޮތުގައި ބޭއްވުމަށް ފެނޭތޯ ނެގި ވޯޓަށް ފަހުއެވެ.
އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ނެގި ވޯޓަށް ފަހު ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުން ވަނީ އެ ސަރަހައްދުގެ މިނިވަން ކަން އިއުލާނުކޮށްފައެވެ.
ސްޕެއިންގެ ދުސްތޫރީ ކޯޓުން ޣައިރުގާނޫނީ ވޯޓެއް ކަމަށް އިއުލާނުކޮށްފައި ވަނިކޮށް ނެގި ވޯޓްގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ 43 އިންސައްތަ މީހުން ވޯޓްލާފައިވާއިރު މިނިވަން ދައުލަތެއް ގާއިމް ކުރުމަށް 90 އިންސައްތަ މީހުން އާ ބަސް ބުނެފައިވާ ކަމަށް ކެޓަލޯނިއާ ސަރުކާރުން ވަނީ ބުނެފައެވެ.
ކެޓަލޯނިއާގެ ސަރުކާރުން މިނިވަންކަން އިއުލާނުކުރުމުން މައި ސަރުކާރުން ވަނީ ކެޓަލޯނިއާގެ ސަރުކާރުގެ ލީޑަރާއި އިސް ފަރާތްތައް މަގާމުތަކުން ދުރުކޮށް ސަރަހައްދީ ގާނޫނު ހަދާ މަޖިލީހާއި ސަރަހައްދީ ސަރުކާރު އުވާލައި މައި ސަރުކާރަށް ބާރުތައް ގެންގޮސްފައެވެ.
ސްޕެއިންގެ ފޮރިން މިނިސްޓަރު ވިދާޅުވީ ކެޓަލޯނނިއާގެ ރައްޔިތުން ހާސިލް ކުރަން ބޭނުންވާ ކަން ކަމަށް ރިއާޔަތްކުރެވިގެން ގާނޫނު އަސާސީއަށް ގެނެވިދާނެ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއެއް އުފައްދާފައިވާ ކަމަށެވެ.
އޭނާ ވަނީ މަނާކުރެވިފައި ވަނިކޮށް ނެގި ވޯޓްގައި އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުންކުރެވި، ރައްޔިތުންނަށް ހާނީއްކަ ވެފައިވާތީ މައާފަށް އެދިވަޑައިގެންފައެވެ.