އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް ކުޅޭ ފުރަތަމަ މެޗުގައި ޑޭވިޑް ގޮފިންއާ ބައްދަލުކުރަން ޖެހިއްޖެ އެވެ.
ސްޕެއިންގެ ރަފައެލް ނަޑާލް، އޭޓީޕީ ވޯލްޑް ޓުއަރ ފައިނަލްގައި ކުޅޭ ފުރަތަމަ މެޗުގައި ބެލްޖިއަމްގެ ޑޭވިޑް ގޮފިން އާ ދެކޮޅަށް ނުކުންނާނީ އަންނަ ހޯމަ ދުވަހު އެވެ.
މިމުބާރާތުގެ ގުރުލުން ބާއްވާފައިވާއިރު، މުބާރާތުގެ ސިންގަލްސް އިވެންޓް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެއް ގްރޫޕަކީ ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ޕީޓް ސެމްޕްރަސްގެ ގްރޫޕެވެ. ދެވަނަ ގްރޫޕަކީ ކުރީގެ ޓެނިސް ތަރި ބޮރިސް ބެކަރގެ ގްރޫޕެވެ.
ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ނަޑާލް އަދި ހަތްވަނައިގައިވާ ޑޭވިޑް ގޮފިން ހިމެނެނީ ޕީޓް ސެމްޕްރަސް ގްރޫޕްގައެވެ. ނަޑާލް އަދި ގޮފިން އާއެކު ދެން މިގްރޫޕްގައި ހިމެނެނީ ދުނިޔޭގެ ހަތަރު ވަނަ އޮސްޓްރިއާގެ ޑޮމިނިކް ތިއެމް އަދި ދުނިޔޭގެ ހަވަނާގައިވާ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯފް އެވެ.
މިމުބާރަތުގެ ބޮރިސް ބެކާ ގްރޫޕްގެ ކުޅުން އާދީއްތަ ދުވަހު ފެށޭއިރު، އެގްރޫޕްގައި ހިމެނެނީ މިމުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައިވާ ދުނިޔޭގެ ދެވަނަ ޓެނިސް ކުޅުންތެރިޔާ ސްވިޓްޒަލެންޑްގެ ރޮޖާ ފެޑެރާ، ދުނިޔޭގެ އަށްވަނާގައިވާ އެމެރިކާގެ ޖެކް ސޮކް އަދި ތިންވަނާގައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒްވެރޭވްގެ އިތުރުން ފަސްވަނާގައިވާ ޗެކް ރިޕަބްލިކްގެ މަރިން ސިލިޗެވެ.
މިގްރޫޕްގެ ފުރަތަމަ މެޗުގައި ފެޑެރާ ނުކުންނާނީ ޖެކް ސޮކް އާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ޒްވެރޭވް އަދި ސިލިޗެވެ.
ޓެނިސް ސީޒަން ނިންމާލުމަށް ކުޅޭ ޝަރަފްވެރި މިމުބާރާތުގައި ދުނިޔޭގެ ގަދަ އަށް ކުޅުންތެރިންގެ މެދުގައި ސިންގަލްސް އަދި ޑަބަލްސް މެޗުތައް ކުޅޭނެ އެވެ. މިމުބާރާތުގެ ޑަބަލްސް އިވެންޓުގައި އަށް ޓީމެއް ވާދަކުރާނެ އެވެ.
ކޮންމެ ކުޅުންތެރިޔަކުވެސް ގްރޫޕް ސްޓޭޖްގައި ސިންގަލްސް ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ކުޅުންތެރިންނަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބޭނެ އެވެ.
މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، އިނގިރޭސިވިލާތުގެ އެންޑީ މަރޭ މިއަހަރުގެ މުބާރާތުގައި ނުކުޅޭނެ އެވެ. މިދިޔަ އަހަރުގެ ސީޒަން ނިމުނުއިރު ދުނިޔޭގެ އެއްވަނާގައި އޮތް މަރޭ އަށް އަނިޔާގެ ސަބަބުން މިސީޒަންގެ ގިނަ މުބާރާތްތަކެއް ގެއްލުނުއިރު، އެންމެ ފަހުގެ ރޭންކިންގައި އޭނާ ވަނީ 16 ވަނަ އަށް ވެއްޓިފައެވެ.
މިމުބާރާތަށް ނުކުންނައިރު، މިއަހަރު ހަ މުބާރާތެއް ކާމިޔާބުކޮށްފައިވާ ނަޑާލް ވަނީ ދުނިޔޭގެ ރޭންކިންގެ އެއްވަނަ ކަށަވަރުކޮށްފައެވެ. އޭނާ އާއި އެންމެ ވާދަކުރާ ރޮޖަރ ފެޑެރާ މިމުބާރާތް ކާމިޔާބު ކުރިނަމަވެސް، ނަޑާލްގެ ރޭންކިންގ ޕޮއިންޓްސް އާ އަރާ ހަމައެއް ނުކުރެވޭނެ އެވެ. މިއަހަރު ނަޑާލް ކާމިޔާބު ކުރި މުބާރާތްތަކުގެ ތެރޭގައި ފްރެންޗް އޯޕަން އަދި ޔޫއެސް އޯޕަން ހިމެނެއެވެ.
މިމުބާރާތަށް ނަޑާލް ނުކުންނަނީ ކަކުލަށް ލިބުނު އަނިޔާ އާއި ގުޅިގެން މިމަހުގެ ކުރީކޮޅު ބޭއްވި ޕެރިސް މާސްޓާސް ކަޕުން ވަކިވުމަށް ފަހުގައެވެ.
މިމުބާރާތުގެ ޑަބަލްސް އިވެންޓުގެ ފުރަތަމަ މެޗުގައި އިނގިރޭސިވިލާތުގެ ޖެމީ މަރޭ އަދި ބްރެޒިލްގެ ބްރޫނޯ ސޮއާރޭސް ނުކުންނާނީ، އެމެރިކާގެ ބޮބް ބްރަޔަން އަދި މައިކް ބްރަޔަން އާ ދެކޮޅަށެވެ.