ކ. މާލެ
|
8 ނޮވެންބަރ 2017 | ބުދަ 19:02
އެންޑީ މަރޭ: އަނިޔާގެ ސަބަބުން އޭނާއަށް ވަނީ ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމް ގެއްލިފައި
އެންޑީ މަރޭ: އަނިޔާގެ ސަބަބުން އޭނާއަށް ވަނީ ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމް ގެއްލިފައި
އޭއެފްޕީ
އެންޑީ މަރޭ
އެއްކޮށް ފިޓު ނުވަނީސް، އެއްވެސް މުބާރާތެއްގައި ބައިވެރި ނުވާނަން: މަރޭ
އަނިޔާގެ ސަބަބުން މަރޭއަށް ދުނިޔޭގެ ރޭންކިންގެ އެއްވަނަ ގެއްލި 16 ވަނައަށް ވެއްޓުނު
މަރޭ ވަނީ ޗެރިޓީ މެޗެއްގައި ފެޑެރާ އަތުން ބަލިވެފައި

އަނިޔާއިން ރަނގަޅުވެ އެއްކޮށް ފިޓު ނުވަނީސް އެއްވެސް މުބާރާތެއްގައި ބައިވެރި ނުވާނެ ކަމަށް އިނިގރޭސިވިލާތުގެ އެންޑީ މަރޭ ބުނެފިއެވެ.

އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ޓެނިސް ކުޅުންތެރިޔާ މިހެން ބުނެފައިވަނީ ޗެރިޓީ މެޗެއްގައި ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި މިވަގުތު ރޭންކު ކުރެވިފައި އޮތް ސުވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ އަތުން ދެ ސެޓު އެއް ސެޓުން ބަލިވި މެޗަށް ފަހުއެވެ. ފުރަތަމަ ސެޓު 6-3 އިން ފެޑެރާ ގެންދިޔަ ނަމަވެސް މަރޭ ވަނީ ދެވަނަ ސެޓު 6-3 އިން ގެންގޮސްފައެވެ. މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޓައި ބްރޭކާ ފެޑެރާ ގެންދިޔައީ 10-8 އިންނެވެ.

މި މެޗު ވެގެން ގޮސްފައިވަނީ މި އަހަރުގެ ޖުލައި މަހު ބޭއްވި ވިމްބެލްޑަން މުބާރާތުގައި އެމެރިކާގެ ސޭމް ކުއެރީ އަތުން ބަލިވި ފަހުން މަރޭ ކުޅުނު އެންމެ ފުރަތަމަ މެޗަށެވެ. މި މެޗަށްފަހު ވާހަކަ ދައްކަމުން މަރޭ ބުނެފައިވަނީ ވިމްބެލްޑަން މުބާރާތުގައި ލިބުނު އަނިޔާއަށް ފަހު ރަނގަޅަށް ނުހިނގުނު ކަމަށާއި އެހެނަސް މިހާރު ފުރިހަމަ މެޗެއް ކުޅުމަށް ފިޓު ވެފައިވާ ކަމަށެވެ.

އަނިޔާގެ ސަބަބުން ޓެނިސް ކޯޓުން ބޭރުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުގެ ސަބަބުން މަރޭއަށް ދުނިޔޭގެ ރޭންކިންގެ އެއްވަނަ ގެއްލި އޭނާ ދުނިޔޭގެ ރޭންކިންގެ 16 ވަނައަށް ވެއްޓުނެވެ. އެނާ ބުނެފައިވަނީ ކޯޓަށް އެނބުރި އަންނައިރު އެންމެ ރަނގަޅު ފޯމުގައި ނުހުންނާނެ ކަން އެނގޭ ކަމަށާއި އެހެނަސް ދުނިޔޭގެ ރޭންކިންގެ އެއްވަނަ އޭނާ ހޯދި ފޯމަށް އަލުން އަނބުރާ ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ކުޅުމުގެ ތެރެއަށް އަލުން އެނބުރި އަންނާނީ އެއްކޮށް ފިޓުވެ މުބާރާތްތަކުގައި ވާދަކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބުމުން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މަރޭ ބުނެފައިވަނީ ކޮންމެ އަހަރެކޭ ވެސް އެއްގޮތަށް މިއަހަރުގެ ވެސް ޑިސެމްބަރު މަހު އޭނާ އެމެރިކާގެ މިއާމީ އަށް ތަމްރީނުތައް ހެދުމަށް ދަތުރުކުރާނެ ކަމަށާއި އަދި އޭނާގެ އުއްމީދަކީ ޖެނުއަރީ މަހު އޮސްޓްރޭލިއާގެ ބްރިސްބޭންގައި ބާއްވާ ބްރިސްބޭން އޯޕަންގައި ވާދަކުރުން ކަމަށެވެ. ބްރިސްބޭން އޯޕަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ބާއްވާ އޮސްޓްރޭލިއަން އޯޕަން ބޭއްވުމުގެ ދެ ހަފުތާ ކުރިންނެވެ.

މިދިޔަ އަހަރުގެ އޭޓީޕީ ފައިނަލްސް މުބާރާތް ކާމިޔާބުކޮށް ދުނިޔޭގެ ރޭންކިންގެ އެއްވަނަ ހޯދި މަރޭ ވަނީ ސްކޮޓްލޭންޑުގެ ގްލާސްގޯގައި ބޭއްވި ޗެރިޓީ ޓެނިސް އިވެންޓުގައި އޭނާގެ ބޭބެ ޖެއިމީ މަރޭއާއެކު ޑަބަލްސް މެޗެއް ވެސް ކުޅެފައެވެ.

މަރޭ ވަނީ އޭނާގެ ކެރިއަރުގައި ދެ ފަހަރެއްގެ މަތިން އޮލިމިޕް ރަން މެޑަލް ހާސިލުކޮށް ތިން ފަހަރެއްގެ މަތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައެވެ.

- ކޮމެންޓް