އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ބުރާސްފަތި ދުވަހު ބާއްވަން ނިންމި ޖަލްސާ ވެސް ކެންސަލް ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުދަ ދުވަހު ބުނީ ބުރާސްފަތި ދުވަހު ބާއްވަން ނިންމި ޖަލްސާ ކެންސަލް ކޮށްފައިވާ ކަމަށާއި ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހަފްތާގައި ކަމަށެވެ.
ނަމަވެސް ހޯމަ ދުވަހު މަޖިލީހުން ބުނެފައި ވަނީ ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށެވެ. އަދި ޕީޕީއެމް އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވެސް ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ބަޖެޓް ހުށަހެޅޭނެ ކަމަށެވެ.
ބުރާސްފަތި ދުވަހު ބާއްވަން އޮތް ޖަލްސާ ކެންސަލް ކުރި ވަކި ސަބަބެއް ކަމާބެހޭ އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.
މަޖިލީހުގެ ބުރާސްފަތި ދުވަހުގެ ޖަލްސާ ކެންސަލްކޮށްފައިވާއިރު، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ދަނީ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެޕާޓީގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށްޓަކައި ތައްޔާރީތައް ވަމުންނެވެ.
މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރު އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށްދާއިރު މިހާތަނަށް ބޭއްވިފައި ވަނީ އެންމެ ހަ ޖަލްސާ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިދިޔަ ހަފުތާގައި ވަނީ މަޖިލީހުގެ އިދާރާއަށް ފޮނުވާފައެވެ.
އެނގިފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މި އަހަރުގެ ބަޖެޓަށް ވުރެ ބޮޑު ވާނެއެވެ. އެ ގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ބިޔަ މަޝްރޫއުތައް ބަޖެޓްގައި ހިމަނާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
މިދިޔަ އަހަރު ފާސްކޮށް މި އަހަރަށް ކަނޑައަޅާފައި ވަނީ 26.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ އިތުރުން 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހަށަހަޅާ ފާސްކޮށްފަ އެވެ. އެހެންކަމުން 2017 ވަނަ އަހަރުގެ ޖުމްލަ ބަޖެޓް 27.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.
މި އަހަރު އާމްދަނީގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އަންދާޒާ ކުރި އާމްދަނީގެ 985 މިލިއަން ރުފިޔާ ސަރުކާރަށް ލިބިފައެއް ނުވެ އެވެ.