މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ބާއްވާ ހަފުލާގައި ޝަރަފްވެރިކަމުގެ އިިނާމު ދެ ފަރާތަކަށް އަދި ހާއްސަ އިނާމު 24 ފަރާތަކަށް ދޭނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
މީގެ އިތުރުން 25 ފަރާތަކަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ދެއްވާ ހާއްސަ އިނާމު ލިބޭ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ދަރަޖައިގެ ސަނަދެއް ހާސިލް ކުރުމުން ފާހަގަ ކުރެވޭ ކާމިޔާބެއް ހާސިލް ކުރި ތިން ތިން ފަރާތަކާއި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން މަތީވަނަ ވަނަ ހޯދައިގެން އިނާމު ލިބޭ 20 ފަރާތެއް ވެސް ހިމެނެ އެވެ.
މި އަހަރު ޖުމްހޫރީ ދުވަހާއި ގައުމީ ދުވަސް ކައިރި ކައިރީގައި އަންނާތީ، މި ދެ މުނާސަބަތާ ގުޅުވައިގެން އެއް ޖަލްސާއެއް ބާއްވަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
ގައުމީ ދުވަހާއި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ޖަލްސާގައި ސަރުކާރުން ކޮންމެ އަހަރަކު ދޭ ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދިނުން އޮންނާނެ އެވެ. އަދި ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ޙާފިޡުކަމުގެ ސަނަދު މި އަހަރު ހާސިލުކުރި ހާފިޒުންނަށާއި، ސާނަވީ އިމްތިހާނުން މުޅި ދުނިޔެ އިން އެއް ވަނަ ހޯދި ދަރިވަރުންނާއި މަތީ ސާނަވީ އިމްތިހާނުން މުޅި ދުނިޔެ އިން އެއް ވަނަ ހޯދި ދަރިވަރުންނަށް ރައީސްގެ މެޑަލް ދެއްވުން ވެސް އޮންނާނެ އެވެ.