ރާއްޖޭގެ ގާނޫނޫ އަސާސީ އިސްލާހުނުކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ޝައިނީ މިހެން ވިދާޅުވީ ބުދަދުވަހުގައި ކުރެއްވި ޓްވީޓެއްގައެވެ.
ޝައިނީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބޭރުގެ ނުފޫޒާއެކު 2018 ގެ އިންތިޚާބުގައި ވާދަ ކުރެއްވޭނެ ކަމަށް އެމަނިކުފާނު ގަބޫލުކުރެއްވިކަމުގައި ވީނަމަވެސް އެކަން ގާނޫނު އަސާސީ އިސްލާހު ނުކޮށް ނުކުރެވޭނެ ކަމަށެވެ.
ޝައިނީ މިކަމާއި ގުޅިގެން ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދު 2018 ގެ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރުން އެއްވެސް ގައުމަކާއިއެކު ނުކުރާ ކަމަށެވެ. އަދި މިއީ ދިވެހިން ކަމަށާއި ދިވެހިންގެ ގޮތް ނިންމާނީ "އަޅުގަނޑުމެން" ކަމަށް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދަށް ބޭރުގެ ނުފޫޒާއިއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވޭނީ ގާނޫނު އިސްލާހު ކޮށްގެން ކަމަށް ޝައިނީ ވިދާޅު ވެފައިވާއިރު ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަ ކުރެއްވޭނެ ކަމަށާއި އެކަމުގައި އެއްވެސް ޝަކެއް ނެތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން އެމެރިކާއިން އިންޑިއާއާ އެކު ކުރަމުން އަންނަ މަޝްވަރާތަކުގެ ނަތީޖާއަކަށް ވެގެންދާނީ އަންނަ ރިޔާސީ އިންތިހާބަށް އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ގޮތްވުން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ނަޝީދުވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތައް ގުޅިގެން އިންތިގާލީ ކެނޑިޑޭޓެއް ނެރުމަށް ގޮވާލައްވާފައެވެ.