ޕޮލިސް ރިކޯޑް ހާމަކުރުމުގެ ގަވައިދަށް އިސްލާހު ގެނެސް ބުދަދުވަހު އަމަލުކުރަން ފަށައިފިއެވެ.
އެ ގަވައިދުގައި ވަނީ ވަޒީފާގެ ބޭނުމަށް ރިކޯޑް ސާފުކުރުމުގައި ބެލޭނެ ނުކުތާތަކެއް ފާހަގަ ކޮށްފައެވެ. އޭގެ ތެރޭގައި ފުރަތަމަ ހާލަތުގައި ވަޒީފާގެ ބޭނުމަށް ރިކޯޑް ހާމަކުރުމުގައި އެމީހެއްގެ ރިކޯޑް އޮތްކަމަށް ބަލާނެ ހާލަތްތައް ވަނީ ބަޔާންކޮށްފަ އެވެ.
އޭގެތެރޭގައި ޖިނާއީ އިޖުރާތުގެ ގާނޫނޫގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި ތަހުގީގެއް ހިންގަމުން ދިއުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ތަހުގީގެއް ހިންގަމުން ދިއުން ހިމެނެއެވެ.
އަދި ޖިންސީ ކުށުގެ ގާނޫނުގެ 14 ވަނަ މާއްދާއާއި 20 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ރޭޕްކުރުމުގެ ކުށެއްގެ ތުހުމަތު ކުރެވި ތަހުގީގެއް ހިންގުމާއި، ޝަރީއަތާއި މެދު ގޮތެއް ނިންމަން ޕްރޮސެކިއުޓާ ޖެނެރަލްއަށް ފޮނުވާފައިވާނަމަ ކުށުގެ ރިކޯޑް ސާފުކޮށްދިނުމުގެ ކުރިން އެކަންކަމަށް ބެލޭނެ ކަމަށް ހިމަނާފައިވެއެވެ.
ވަޒީފާގެ ބޭނުމަށް ރިކޯޑް ސާފުކުރުމުގައި ބެލޭނެ ދެވަނަ ހާލަތަކީ ފާއިތުވި ތިން އަހަރުގެ ތެރޭގައި، އެމީހެއްގެ މައްޗަށް އެއްފަހަރަށް ވުރެ ގިނަފަހަރު ނުވަތަ އެއް ކުށަށް ވުރެ ގިނަ ކުށުގެ ތުހުމަތުކުރެވިފައިވާ ނަމަ، ވަޒީފާގެ ބޭނުމަށް އެމީހެއްގެ ރިކޯޑް ސާފުކުރުމުގައި ބަލާނީ އެ ގަވައިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ވެސް ބުނެފައިވެއެވެ.