ގއ. ދެއްވަދޫގައި ފްލޯޓިންގ އެއާރޕޯޓެއް އެޅުމަށް އެރަށު ކައުންސިލުގެ އިއްތިފާގުން ފާސްކޮށްފި އެވެ.
ދެއްވަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަޖުމީން "ރާއްޖެއެމްވީ"އަށް ބުދަ ދުވަހު ވިދާޅުވީ ދެއްވަދޫ ރަށު ކައުންސިލްގެ ބުދަ ދުވަހުގެ ބައްދަލުވުމުގައި އެކައުންސިލްގައި ހިމެނޭ ތިން ކައުންސިލަރުންގެ އިއްތިފާގުން އެގޮތަށް ގަރާރެއް ފާސްކުރީ ދެއްވަދޫ އަކީ ގއ. އަތޮޅުގެ މެދުގައި އޮންނަ ރަށަކަށް ވުމުން އެ ރަށުގައި އެއާރޕޯޓެއް އަޅައިފި ނަމަ އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ފައިދާ ކުރާނެ ކަމަކަށްވާތީ ކަމަށެވެ.
ނަޖުމީން ވިދާޅުވީ ފްލޯޓިންގ އެއާރޕޯޓެއް އެޅުމަށް ނިންމީ ދެއްވަދޫގައި އެއާރޕޯޓެއް އެޅޭނެ ބިމުގެ ޖާގަ ނެތުމުން ކަމަށެވެ. އެހެންކަމުން އެއްވެސް ކުޅިއެއް ނުވަތަ މޫދުގެ ދިރުންތަކަށް ގެއްލުން ނުލިބޭގޮތަށް ރަށް ބޭރުގައި ފެންމަތީގައި އޮންނަ އެއާރޕޯޓެއް އެޅުމަށް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ގަރާރުގައި ކައުންސިލަރުން އެއްބަސްވެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާރޕޯޓްތައް އަޅަމުންދާ ދުވަސްވަރެއްކަމުން ދެއްވަދޫ އަކީވެސް ލޯކަލް ޓޫރިޒަމް ތައާރަފް ކުރެވިގެން އަންނަ ރަށެއްކަމަށާއި އަދި އަންނަ އަހަރު މަސް ބަންދުކުރާ ފެކްޓަރީއެއް ދެއްވަދޫގައި ހުޅުވޭއިރު ދެއްވަދޫއަށް އެއާރޕޯޓެއްގެ މުހިއްމުކަން ބޮޑު ކަމަށް ނަޖުމީން ވިދާޅުވި އެވެ.
ނަޖުމީން ވިދާޅުވީ ފްލޯޓިން އެއާރޕޯޓެއް އެޅުމަކީ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ބޭނުންވެގެން ފާސްކޮށްފައިވާ ގަރާރެއް ކަމަށެވެ. އެހެންކަމުން އަންނަ ހަފުތާގެ ކައުންސިލް ބައްދަލުވުމުގައި އެ ޖަލްސާގެ ޔައުމިއްޔާ ފާސްކޮށް، އަންނަ ހަފްތާގައި ރަސްމީކޮށް، ރައީސް އޮފީހަށް ހުށަހަޅުއްވާނެ ކަމަށްވެސް ނަޖުމީން ވިދާޅުވި އެވެ.
ދެއްވަދޫ ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީއަށް ނިސްބަތްވާ ދެ ކައުންސިލަރަކާއި ޕީޕީއެމްއަށް ނިސްބަތްވާ ކައުންސިލަރެކެވެ.
ސަރުކާރުން ދާދިފަހުން ވަނީ ފަސް ރަށެއްގެ އެއާރޕޯޓް އެޅުމަށް ނިންމާފަ އެވެ. އެފަސް ރަށަކީ ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދު އާއި ފ. ނިލަންދޫ އާއި ގދ. މާވަރުލު އަދި ގދ. ފަރެސްމާތޮޑާ އެވެ.