ހިޒުބުﷲ ޖަމާއަތާމެދު އެމެރިކާއިން ގެންގުޅޭ ސްޓްރެޓެޖީއަށް ތާއީދުކުރުން ނުވަތަ ލުބްނާނު ހަމަނުޖެހުމަކަށް ވެއްޓެން ދޫކޮށްލުން ކުރެ ކޮންމެވެސް އެއް ގޮތެއް އިޚްތިޔާރުކުރުމަށް ނޫންނަމަ ބައްޕާފުޅަށް ދިމާވި ފަދަ ގޮތެއް ދިމާވެ ދާނެ ކަމަށް ވިދާޅުވެ އީރާންގެ ރޫހީ ލީޑަރުގެ މުޝީރު އަލީ އަކްބަރު ވެލަޔަތީގެ ފަރާތުން ހަރީރީއަށް އިންޒާރު ދީފައިވާކަމަށް އަލް އަރަބިއްޔާއިން ރިޕޯޓްކޮށްފިއެވެ.
އެ ވެބްސައިޓުން މިގޮތަށް ރިޕޯޓްކޮށްފައިވަނީ އިސްލާހަށް މަސައްކަތްކުރާ އީރާނުގެ ވެބްސައިޓަކުން ލީކުކޮށްލި މައުލޫމާތުގައި ކަމަށް ބުނެއެވެ.
އީރާނުން ލުބްނާނުގެ ދާޚިލީ ކަންކަމާ ބެހޭ ކަމަށް ބުނެ، ލުބްނާނުގެ ބޮޑުވަޒީރުގެ މަގާމުން ސާދު ހަރީރީ އިސްތިއުފާދެއްވީ ހޮނިހިރު ދުވަހުއެވެ.
ސާދު ހަރީރީގެ ބައްޕާފުޅު އަދި ލުބްނާނުގެ ކުރީގެ ބޮޑުވަޒީރު ރަފީޤުލް ހަރީރީވަނީ،2005ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކާރު ބޮމުގެ ހަމަލާއެއްގައި އަވަހާރަ ކޮށްލާފައެވެ.
އިސްލާހަށް މަސައްކަތްކުރާ އީރާނުގެ ނޫހަކާ ހަވާލާދީކަމަށްބުނެ އަލް އަރަބިއްޔާގައި ވާގޮތުން ހުކުރު ދުވަހު ހަރީރީ ވަނީ ބެއިރޫތުގައި އީރާނުގެ ރޫހީ ލީޑަރުގެ މުޝީރު އަލީ އަކްބަރު ވެލަޔަތީ އާ ބައްދަލުކުރައްވާފައެވެ.
ހަރީރީ ވަނީ މިފަހަރުގެ ހާދިސާގައި ވަށައިގެން ހުރި ކަންކަން އެމަނިކުފާނުގެ ބައްޕާފުޅު ރަފީގުލް ހަރީރީ އަވަހާރަކޮށްލިއިރުގެ ހާލަތާ އެއްގޮތް ކަމަށް ވިދާޅުވެފައެވެ.
ހަރީރީގެ އިސްތިއުފާއަކީ "ސައުދީން ބުނިބުނުމެއްގެ މައްޗަށް ނިންމެވި ނިންމެވުމެއް" ކަމަށް ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ތުހުމަތު ކުރައްވައެވެ.
އަލް މަނާރު ޓީވީގައި އާދީއްތަ ދުވަހު ވާހަކަ ދައްކަވަމުން ނަސްރުﷲ ވިދާޅުވީ ހަރީރީގެ އިސްތިއުފާ ތަގުރީރު ލިޔުނީ "ސައުދީން" ކަމަށެވެ.
ހަރީރީ އިސްތިއުފާ ދެއްވިކަން ހާމަކުރި ތަގުރީރުގައި ހިޒްބުﷲ ޖަމާއަތުން ގައުމުގައި ފިތުނަ އުފައްދަން މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ. އިރާނަށް އިޝާރަތް ކުރައްވާ ހަރީރީ ވިދާޅުވީ ލުބުނާނަށް ހެޔޮނޭދޭ ބަޔަކު ގައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެބަޔަކު މަސައްކަތް ކުރަނީ ލުބުނާނުގެ ދައުލަތުގައި އިތުރު ދައުލަތެއް އުފައްދަން ކަމަށެވެ.