އަނިޔާވެރި ރަހުމުކުޑަ ހަމަލާއެއްގައި މަރައިލައިފައިވާ ސޯޝަލް މީޑިއާ އެކުޓިވިސްޓު ޔާމީން ރަޝީދުގެ މަރުގެ ދައުވާ ލިބޭ ހަތަރު މީހަކު ދައުވާ އަށް އިންކާރު ކޮށްފި އެވެ.
ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލައިފައިވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްސަލަ އެވެ.
މި މައްސަލައިގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުވާއަށް އިންކާރުކުރީ ހައިޝަމާއި، ޒިހާނާއި، ދިފްރާނުގެ އިތުރުން ޝިފާޒެވެ.
އިސްމާއިލް ރަޝީދާއި ހުސައިން ޒިޔާދުގެ ގާނޫނީ ވަކީލުން ވިދާޅުވެފައި ވަނީ ދައުވާ ސާފުނުވާ ކަމަށާއި ޔާމީން މަރާލުމަށް އެ ދެ މީހުން ކުރި އަމަލަކީ ކޮބައިކަން ސާފުނުވާ ކަމަށެވެ.
ޔާމީންގެ މަރުގެ މައްސަލައިގައި ޝަރީއަތް ހިންގަމުންދަނީ އާންމުންނާއި ނޫސްވެރިން ނުވައްދާ ސިއްރު ކޮށްގެންނެވެ. ޝަރީއަތް ސިއްރުކުރީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އެދިވަޑައިގަތުމުގެ މައްޗަށް ކަމަށްވާއިރު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނާ ގޮތުގައި ސިއްރުކުރަން އެދުނީ މައްސަލައިގެ ވަކި އަޑުއެހުންތަކެކެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އިސްމާއީލް ރަޝީދާއި، ހައިޝަމާއި، ޒިހާނަކީ ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ތިން މީހުންނެވެ.
ޔާމީން މަރައިލައިފައިވަނީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ބައެއް ކަމަށާއި އެ މީހުން ޔާމީން މަރައިލައިފައި ވަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ޔާމީން ރަޝީދު މަރައިލައިފައި އޮއްވާ ފެނުނީ މި އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރައިލައިފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާގޭގެ ސިޑި ގޮޅި ކައިރިންނެވެ.