ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގައި ބުދަ ދުވަހަށް ތާވަލުކުރި އަޑުއެހުން ފަސްކޮށްފި އެވެ.
ބުދަ ދުވަހުގެ ހެނދުނު 9:15 އަށް ތާވަލު ކުރި އަޑުއެހުން ފަސްކުރީ، ފާރިސްގެ ގާނޫނީ ވަކީލުންނަށް އޭނާއާ ބައްދަލު ކުރެވޭ ގޮތް ވެފައިނުވާތީ އެވެ. އަޑުއެހުން ފަސްކުރީ ފާރިސްގެ ވަކީލުންގެ އެދިވަޑައިގަތުމުގެ މަތިންނެވެ.
މި މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފުތާގައި ބާއްވަން ހައި ކޯޓުން ވަނީ ނިންމާފަ އެވެ.
މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވައިފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. ފާރިސްގެ އިސްތިއުނާފު މައްސަލަ ބައްލަވާ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލުތަކެއް ގެނެސްފައިވާ އިޖުރާއަތު ސައްޙަ ކަމަށް އެ އަޑުއެހުމުގައި ކަނޑައެޅި އެވެ.
ފާރިސްގެ އިސްތިއުނާފު މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ، ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޢަބުދުއް ރައޫފު އިބްރާހީމް އެވެ.
އެހެން ނަމަވެސް، ހުކުމް އިއްވުމާ ހަމައަށް ގޮސްފައިވަނިކޮށް ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަށް ވަނީ ބަދަލު ގެނެސްފަ އެވެ. ފަނޑިޔާރު ސަމީރު ބޭރުކޮށް، ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ބެންޗުގެ ރިޔާސަތަށް ހަމަޖައްސަވާފަ އެވެ.
ފާރިސް ހައްޔަރު ކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރު ކުރުމަށް ފަހު، ބަންދާއި މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކޮށް، ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފާރިސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިސް މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ.ޝަރީއަތް ނިމެންދެން ބަންދުކުރި އިރު، ތަހުގީގު ވެސް ނިމިފައިނުވެ އެވެ. ނަމަވެސް، އޯގަސްޓް 22 ވަނަ ދުވަހު އެ މައްސަލައިގައި ދައުވާކޮށް، އިބުތިދާއީ އަޑުއެހުންތައް މިހާރު ވަނީ ފަށާފަ އެވެ.