މިއަދު މި ރާއްޖެއިން ފެނިގެން މިދަނީ އިންސާނުންގެ އެންމެ ނުބައި ނުލަފާ ސިފަތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު އަލްއުސްތާޒް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، އިންސާނުންގެ ހެޔޮކަމާއި ރަނގަޅުކަން މިން ނުކުރެވޭ ފަދައިން، އިންސާނުންގެ ނުބައިކަމަކީ ވެސް މިން ނުކުރެވޭވަރުގެ ކަމެއް ކަމަށާއި، މިއަދު ރާއްޖެއިން މި ފެންނަނީ އިންސާނުންގެ ހުރި އެންމެ ނުބައި ނުލަފާ ސިފަތައް ކަމަށެވެ.
ފައްޔާޒް ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް އެންމެ ފުރިހަމަ އެއް ޤާނޫނުއަސާސީ އޮތީ ރާއްޖޭގައި ކަމަށާ، އެ ޤާނޫނު އަސާސީގައި ތިން ބާރު ވަކިކުރެވި، އެ ބާރުތައް ޒިންމާދާރުކޮށް، އެ ބާރުތަކުގެ މައްޗަށް ފާރަވެރި ވުމަށް މިނިވަން މުއައްސަސާތައް ޤާއިމް ކޮށްދީފައިވާ ކަމަށެވެ. ނަމަވެސް މިއަދު އެ ބާރުތައްވެސް، އަދި މިނިވަން މުއައްސަސާތައްވެސް އެއް ބާރަކަށް ވެއްޖެކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"ދިވެހި އެއްވެސް ރައްޔިތަކަށް މިއަދު ނޯޅޭ، ހަމަ އެއްވެސް ރައްޔިތަކަށް ނޯޅޭ ޤާނޫނުއަސާސީއާ ޚިލާފަށްކަން ސަރުކާރުން ކަންކަން ކުރަނީ. ޕީޕީއެމްގަ، ދަރުބާރު ފެކްޝަންގަ ތިއްބެވި ބޭފުޅުންނަށްވެސް، އެބޭފުޅުންނަށް އަދި ސަޕޯޓްކުރައްވާ ބޭފުޅުންނަށްވެސް އޮޅިފަކާއެއް ނެތް ޤާނޫނާ ޤާނޫނު އަސާސީއާ އެއްގޮތަކަށް ނޫންކަން ކުރަނީ، ރައީސުލްޖުމްހޫރިއްޔާއަށް އެބަ ވިދާޅުވެވޭ، ބޭއިޚްތިޔާރުގަ ނަމަވެސް، ނޫނީ ގަސްތުގަ ނަމަވެސް، ޑިމޮކްރަސީ ފަހަށްޖައްސާލާށޭ، ޑިމޮކްރަސީ ފަހަށްޖައްސާލާފަ މިހާރު ބޭނުންވަނީ ތަރައްޤީއޭ. ދެން ޑިމޮކްރަސީ ފަހަށްޖައްސާލާފަ ބާއްވާފަ ތަރައްޤީކުރަން ރައީސުލްޖުމްހޫރިއްޔާއަށް އެ ބާރުދެއްވީ ކޮން ޤާނޫނަކުން ކޮން ޤާނޫނުއަސާސީއަކުން ކޮން ރައްޔިތުންކަމެއް އަޅުގަނޑަކަށް ނޭނގެ" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، އެއީ ރައީސަށް އަމިއްލަފުޅަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށާ، އެގޮތަށް ކަން ކުރާ ނަމަ ރައްޔިތުންގެ ރުހުން ހޯދަން ޖެހޭނެ ކަމަށާ، ނުވަތަ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ޤާނޫނުއަސާސީ ބަދަލުކުރަން ޖެހޭނެ ކަމަށެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ފައްޔާޒް ވަނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ވެސް މިއަދު ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށް ކުރަމުންދާ ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.