ކ. މާލެ
|
8 ނޮވެންބަރ 2017 | ބުދަ 06:31
ރައީސް ޓްރަމްޕް
ރައީސް ޓްރަމްޕް
ގޫގުލް
އުތުރު ކޮރެއާ މައްސަލަ
ނިއުކްލިއާ ހަތިޔާރު ގެންގުޅުން ދުރުވުމާ މަޝްވަރާކުރުމަށް ޓްރަމްޕް އުތުރު ކޮރެއާއަށް ގޮވާލައްވައިފި
އެމެރިކާ އިން މިހާތަނަށް އުތުރު ކޮރެއާއަށް ދީފައިވާ އެއްވެސް އިންޒާރަކަށް އެގައުމުން ބޯލަނބާފައެއް ނުވޭ

 

ނިއުކްލިއާ ހަތިޔާރު ގެންގުޅުން ދުރުވުމާ ބެހޭ ގޮތުން އުތުރު ކޮރެއާ އިން "މޭޒު ދޮށަށް އައިސް" މަޝްވަރާތައް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފިއެވެ.

އޭޝިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި، އެގައުމުގެ ބޮޑު ވަޒީރު މޫން ޖެއި-އިން އާ އެކީ ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން އުތުރު ކޮރެއާ އާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާ ބޭނުން ކުރަން ނުޖެހުމަށް އެދި "ހެއްދެވި ފަރާތަށް އެދޭ" ކަމަށެވެ. 

ރައީސް ޓްރަމްޕް މާ މަޑުމައިތިރި ރާގެއްގައި ސޯލް ގައި ވާހަކަފުޅުދެއްކެވިއިރު މީގެ ކުރިން ރައީސް ޓްރަމްޕް ވަނީ އުތުރު ކޮރެއާ އިން އެމެރިކާގެ "އަލިފާނާއި ރުޅިވެރިކަމާ" ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. 

އޭޝިއާގެ ފަސް ގައުމަކަށް ރައީސް ޓްރަމްޕް ކުރައްވާ ދަތުރުފުޅެއް ފަށްޓަވާފައިވާއިރު އުތުރު ކޮރެއާގެ މައްސަލަ ވަނީ އެމަނިކުފާނުގެ އެޖެންޑާގައި ވަރަށް ބޮޑަށް ހިމެނިފައެވެ. 

ދެކުނު ކޮރެއާއަށް ވަޑައިގަތުމުގެ ކުރިން ރައީސް ޓްރަމްޕް ޖަޕާނުގައި، އުތުރު ކޮރެއާ އާ ބެހޭގޮތުން ވިދާޅުވީ އުތުރު ކޮރެއާ އިން އުދުއްސާލާ މިސައިލްތައް، އެމެރިކާ އިން ގަނެފައިވާ އަސްކަރީ ސާމާނު ބޭނުންކޮށްގެން ޖަޕާނަށް "ވައްޓާލެވޭނެ" ކަމަށެވެ. ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭއާއެކު ނޫސްވެރިންނާ ބައްދަލު ކުރައްވަމުން ރައީސް ޓްރަމްޕް ވިދާޅުވީ ޖަޕާނުގެ ސަރުކާރުން ގިނަ އަދަދެއްގެ އަސްކަރީ ސާމާނު އެމެރިކާ އިން ގަންނަން ނިންމާފައިވާ ކަމަށެވެ.ރައީސް ޓްރަމްޕްގެ ވާހަކަފުޅަށް އިޝާރާތްކުރައްވައި ބޮޑު ވަޒީރު އަބޭ ވިދާޅުވީ "ބޭނުންވެއްޖެ ހާލަތެއްގައި" އުތުރު ކޮރެއާ އިން އުދުއްސާލާ މިސައިލްތައް ޖަޕާނަށް އިންޓަސެޕްޓް ނުވަތަ ވައްޓާލެވޭނެ ކަމަށެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް