އަލިފާނުގެ ހާދިސާގެ ސަބަބުން އއ. އުކުޅަހު އިންޖީންގެ 90 ޕަސެންޓް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ރަށު ކައުންސިލުން ބުނެފިއެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އުކުޅަހު ކައުންސިލްގެ ރައީސް ސައުކަތު އިބްރާހިމް ވިދާޅުވީ އަންގާރަ ދުވަހު އެރަށު އިންޖީނުގޭގައި ހިނގި އަލިފާންގެ ހާދިސާގެ ސަބަބުން އެ އިންޖީނުގޭގެ 90 ޕަސެންޓް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. މި ހާދިސާގައި 120 ކިލޯވޯޓްގެ އެއް އިންޖީނާއި، އިންޖީނުތަކުން ޕެނަލް ބޯޑަށް ގުޅާފައި ހުރި މެއިން ކޭބަލްތައް ވެސް ހަލާކުވެފައިވާ ކަމަށް ސައުކަތު ވިދާޅުވިއެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، އިންޖީނުގޭގެ ނުވަދިހަ ޕަސެންޓް މި ވަނީ ހަލާކުވެގެން ގޮސްފައި. އޭގެ ތެރެއިން އެއްޖަނަރޭޓަރ މި ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެގެން ގޮސްފައި. ދެން އެއާ އެކީގައި ޖަނަރޭޓަރތަކުން ޕެނަލް ބޯޑަށް އަޅާފައި ހުރި މެއިން ކޭބަލްތައް ވެސް މި ވަނީ ހަލާކުވެފައި. އެހެންވީމަ ފުދޭވަރެއްގެ ބޮޑު ގެއްލުމެއް މިހާދިސާއާ ގުޅިގެން މި ވަނީ ވެފައި،" އުކުޅަސް ކައުންސިލްގެ ރައީސް ސައުކަތު ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
ސައުކަތު ވިދާޅުވީ އަލިފާންގެ ހާދިސާގެ ސަބަބުން ހަތް ގަނޑިއިރު ވަންދެން ކަރަންޓް ކެނޑިފައި އޮތުމުން އެރަށުގެ ވިޔަފާރިތަކަށް ހާއްސަކޮށް، ގެސްޓު ހައުސްތަކަށް އެކަމުގެ ދަތި އުނދަގޫތަކާ ކުރިމަތިވެ ގެއްލުންވެފައިވާ ކަމަށެވެ. އުކުޅަހަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށަކަށް ވާއިރު، ކަރަންޓް ކެނޑުމުން ބައެއް ގެސްޓުހައުސްތަކުގައި ތިބި ފަތުރުވެރިން ފުރާއިގެން ކައިރި ރަށްތަކަށް ގޮސްފައިވާކަން ސައުކަތު ފާހަގަކުރެއްވިއެވެ.
"ހޮޓާ ކެފޭތަކަށް ލިބިގެންދާ ގެއްލުމަކީ ވަރަށް ބޮޑު ގެއްލުމެއް. މި ރަށަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން އައިސް އުޅޭ ރަކަށްވާއިރު، މިހާދިސާ ހިނގާއިގެން މިހާ ދިގުލައިގެން ދިއުމާ އެކީގައި ބައެއް ގެސްޓު ހައުސްތަކުގައި ތިބި ޓޫރިސްޓުން ވެސް ވަނީ ފުރައިގެން އެހެން ރަށްތަކަށް ދަތުރުކޮށްފައި،" ސައުކަތު ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އުކުޅަހަށް ކަރަންޓްގެ ހިދުމަތް ދެމުން އަންނަނީ ސްޓެލްކޯއިންނެވެ. އަލިފާނުގެ ހާދިސާގައި އިންޖީނުތަކުން ޕެނެލަ ބޯޑަށް ގުޅާފައި ހުރި މެއިން ކޭބަލްތައް ހަލާކުވެ އިންޖީނުގޭގެ ފާރުވެސް ވެއްޓުނެވެ.
އަންގާރަ ދުވަހުގެ ހާވީރުގެ ވަގުތެއްގައި މާލެއިން ސްޓެލްކޯގެ ހާއްސަ ޓީމެއް އުކުޅަހަށް ގޮސް ވަނީ މައްސަލަ ހައްލުކޮށްފައެވެ. އެޓީމުން ވަނީ އިންޖީނުތަކުން ޕެނަލް ބޯޑަށް ގުޅަށް ބޭނުންވާ ކޭބަލް އެރަށް ގެންގޮސް ގުޅާފައެވެ.
އުކުޅަހު އިންޖީނުގޭގައި ތެޔޮ ރައްކާކުރާ ގުދަނުގައި އަންގާރަ ދުވަހު އަލިފާން ރޯވުމުގެ ސަބަބުން މުޅި ރަށުން ކަރަންޓް ކަނޑުނީ ހެނދުނު 11:15 ކަންހާއިރު އެވެ. އުކުޅަހަށް އަލުން ކަރަންޓް ދިނީ އަންގާރަ ދުވަހުގެ ރޭ 6:35 ކަންހާއިރު އެވެ.