ކްލަބް ވެލެންސިއާ އަށް ކުޅެމުން އައި މުހައްމަދު ނާޒިމް (ޕީކޭ) ޓްރާންސްފާ ނުހަދައި ށ. މިލަންދޫ ޓީމަށް ކުޅުމާ ގުޅިގެން ޓީސީ ސްޕޯޓްސް ކްލަބުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހުށަހެޅި މައްސަލަ ސާބިތުނުވާ ކަމަށް ނިންމައިފިއެވެ.
ޓީސީން މި މައްސަލަ އެފްއޭއެމްއަށް ހުށަހަޅާފައި ވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީކޭ މިލަންދޫގެ ފުރަތަމަ އެގާރާގައި ކުޅެފައިވާކަން ފާހަގަ ކުރެވިގެންނެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓްރާންސްފާގެ ކަންކަން ފުރިހަމަނުކޮށް ޕީކޭ މިލަންދޫ ޓީމަށް ކުޅޭ މައްސަލަ ލީގު ފެށުމުގެ ކުރިން ވެސް ބައެއް ކްލަބުތަކުގެ ސަމާލުކަމަށް އައިސްފައި ވެއެވެ. އެހެނަސް އޭރު އެއްވެސް ކްލަބަކުން ރަސްމީކޮށް އެ މައްސަލަ ހުށަހަޅާފައި ނުވާތީ އެފްއޭއެމްއިން ޕީކޭ އަދި މިލަންދޫއާ ދެކޮޅަށް ވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
އެފްއޭއެމްގެ ގަވާއިދުގައިވާ ގޮތުން ކޮންޓްރެކްޓެއް އޮތް ކަމުގައި ވިޔަސް ނުވަތަ ނެތަސް އެހެން ކްލަބެއްގެ ޓީމު ލިސްޓުގައި ކުޅުންތެރިޔެއްގެ ނަން ހިމެނޭނީ ކުރިން ކުޅުނު ކްލަބުން ދޫކުރުމުންނެވެ. އެހެންނަމަވެސް ޕީކޭ ވަނީ އޭއެފްސީ ކަޕުގައި ވެލެންސިއާގެ ޓީމުގައި ހިމަނާފައެވެ. މީގެ އިތުރުން ދެވަނަ ޑިވިޝަނުގައި ވާދަކުރި ބީޖީ ސްޕޯޓްސްގެ ޓީމު ލިސްޓުގައި އޭނާގެ ނަން ހިމެނި ކަމަށް ވެސް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި ޕްރިމިއާ ލީގުގައި ވާދަކުރާ މިލަންދޫގެ ޓީމުގައި ހިމެނިގެން އޭނާ ވަނީ އެ ޓީމަށް ވެސް މެޗުތަކެއް ކުޅެދީފައެވެ.
ޕީކޭގެ މައްސަލަ ސާބިތުވި ނަމަ ލީގުގެ ގިނަ ޓީމުތަކަށް ލިބިފައިވާ ޕޮއިންޓްތަކަށް ބަދަލު އަންނާނެއެވެ. އެހެނަސް މައްސަލަ ސާބިތު ނުވުމާ ގުޅިގެން ލީގުގެ އެއްވެސް ޓީމަކަށް ލިބިފައިވާ ޕޮއިންޓަކަށް ބަދަލެއް ނާންނާނެއެވެ.