ހދ. ކުޅުދުއްފުށީގައި ނަގާފައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ބައިދަނޑިއަށް ތިރިކޮށްފިއެވެ
ކުޅުދުއްފުށީގެ އެމްޑީޕީގެ އޮފިޝަލަކު ރާއްޖެ އެމްވީއަށް ވިދާޅުވީ އެ ދިދަ ތިރިކުރުމަށް ފުލުހުން ދިން މުޚްލަތު ހަމަވަނީ ހޯމަ ދުވަހުގެރޭ ދަންވަރު 12 ޖަހާއިރު ކަމަށާއި އެވަގުތު ޖެހުމުގެ ކުރިން ފުލުހުންގެ އެންގުމާ އެއްގޮތައް ދިދަ ތިރިކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ދިދަ ތިރިކުރީ ބައިދަނޑިއަށް ކަމަށާއި 20 ފޫޓަށް ވުރެ ދިދަހުރި ހިސާބު މިހާރު ތިރިވާނެ ކަމަށެވެ. އަދި އެދިދަ ތިރިކުރީ ރައީސް ޔާމީން ވަޑައިގަންނަވާއިރު އެއްވެސް ދެކޮޅުވެރިކަމެއް ދައްކަން ބޭނުން ނުވުމުން ކަމަށާއި އެހެންނަމަވެސް މިއީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ދެރަވޭ މި ދިދަ ތިރިކުރަން. މިއީ ވަރަށް ހިތާމަވެރި ދުވަހެއް. އެހެންވެ އެ ހިތާމަވެސް ރަމްޒު ކޮށްދޭ ކަމެއް ބައިދަނޑިއަށް ދިދަ ތިރިކޮށްފައި ހުރުމަކީ" ރާއްޖެ އެމްވީއާ ވާހަކަ ދެއްކެވި ކުޅުދުއްފުށީ އެމްޑީޕީ އޮފިޝަލް ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި ހިއްކާފައި އޮތް ވެލިގަނޑުގައި އެމްޑީޕީން ނަގާފައި ހުރި ބޮޑު ދިދަ ތިރިކުރަން ފުލުހުން އެންގީ 20 ފޫޓަށް ވުރެ އުސްވީމަ ކަމަށާއި އެގޮތަށް އަންގާފައި ވަނީ ގައުމީ ދިދައަށް ވުރެ އުސްކޮށް އެހެން އެއްވެސް ދިދައެއް ނެގުމަކީ މަނާކަމެއް ކަމަށްވާތީ ކަމަށެވެ.
އެމްޑީޕީން 89 ފޫޓް އުހުގައި މިދިދަ ނަގާފައި ވަނީ މިއަހަރުގެ ބޮޑު އީދުގެ ފުރަތަމަ ދުވަހު އެވެ.