އއ. އުކުޅަހު އިންޖީނުގޭގައި އަލިފާން ރޯވުމުގެ ސަބަބުން މުޅި ރަށުން ކަރަންޓު ކެނޑިފައި އޮންނަތާ ހަތް ގަޑިއިރަށް ފަހު އެރަށަށް ކަރަންޓް ދީފިއެވެ.
އުކުޅަހު އިންޖީނުގޭގައި ތެޔޮ ރައްކާކުރާ ގުދަނުގައި އަންގާރަ ދުވަހު އަލިފާން ރޯވުމުގެ ސަބަބުން މުޅި ރަށުން ކަރަންޓް ކަނޑުނީ ހެނދުނު 11:15 ކަންހާއިރު އެވެ. އުކުޅަހަށް އަލުން ކަރަންޓް ދިނީ އަންގާރަ ދުވަހުގެ ރޭ 6:35 ކަންހާއިރު އެވެ.
އުކުޅަހު ކައުންސިލް މެމްބަރު މުހައްމަދު ހުސްނީ ވިދާޅުވީ އަލިފާންގެ ހާދިސާގައި ހަލާކުވީ އެއް ޖަނަރޭޓަރު ކަމަށާއި ބާކީ ހުރި ދެ ޖަނަރޭޓަރު ސެޓުން ކަރަންޓް ދެވޭ ހާލަތަށް ގެނެސް ކަރަންޓް ދެމުން އަންނަ ކަމަށެވެ. އަލިފާނުގެ ހާދިސާގައި ތެޔޮ ޓޭންކްތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، ޖަނަރޭޓަރުން ޕެނަލް ބޯޑަށް ގުޅާފައިވާ ކަރަންޓް ނަރުތައް ބޭނުނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ވެސް ހުސްނީ ވިދާޅުވި އެވެ.
ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން އުކުޅަހަށް ކަރަންޓް ދެނީ ސްޓެލްކޯއިންނެވެ.