ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ސައޫދީ އަރަބިއްޔާއާ އެކު ރާއްޖެ ދެމި އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.
ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ ހޫޘީ ހަނގުރާމަވަރިން ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް ދޭން އުޅުނު މިސައިލް ހަމަލާއަކާ ގުޅިގެން އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދަށް ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވެފައި ވަނީ ސަރަޙައްދީ ހަމަޖެހުން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއިން ސައޫދީ އަރަބިއްޔާއާ އެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށެވެ.
"މީގެ އިތުރުން ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި، މިކަމުގައި ސަޢުދީ ޢަރަބިއްޔާ އާއި، ބައިނަލްއަޤްވާމީ ދުނިޔެއާ އެކު ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމުގައި ވެސް ވިދާޅުވެފައި ވެއެވެ،" ސައޫދީ ރަސްގެފާނަށް ރައީސް ޔާމީނު ފޮނުއްވި މެސެޖާ ބެހޭ ގޮތުން ރައީސް އޮފީހުން އާއްމުކުރި ޚަބަރުގައި ވެއެވެ.
އެ ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާ އެކު ކަމަށާއި، މި އަމަލަކީ އެމަނިކުފާނު ނުހަނު ނަފްރަތު ކުރައްވާ އަމަލެއް ކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ސައޫދީ އަރަބިއްޔާގައި މި ހިންގި ޓެރަރިޒަމްގެ ފިނޑި އަމަލު، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ސައޫދީ ސަރުކާރުން އިއްޔެ ބުނެފައި ވަނީ ހޫޡީން ރިޔާޒަށް ދޭން އުޅުނު މިސައިލް ހަމަލާއެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށެވެ. އަދި އެހަމަލާގެ ޒިންމާ ސައޫދީން ވަނީ އީރާނުގެ ބޮލުގައި އަޅުވާފަ އެވެ.
މިދިޔަ މެއި މަހު ވެސް ހޫޡީން ވަނީ ރިޔާޒަށް މިސައިލް ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ފަހަރު ހަމަލާދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައޫދީ އަށް ވަޑައިގަންނެވުމުގެ އެއް ދުވަސް ކުރިންނެވެ. އެ މިސައިލް ވައްޓާލީ ރިޔާޒާ 200 ކިލޯ މީޓަރު ދުރުންނެވެ. ޔަމަނުގެ ހޫޡީން ކުރިން ފޮނުވާލި މިސައިލްތައް ވެސް ސައޫދީ ސިފައިން ވަނީ ވައްޓާލައިފަ އެވެ. ހޫޡީންގެ އެއްވެސް މިސައިލެއް ސައޫދީގައި މީހުން ދިރިއުޅޭ ހިސާބަކަށް އަރާފައެއް ނުވެއެވެ.