ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާޢިރާގެ މެންބަރު ޢަލީ ނިޒާރު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވައިފިއެވެ.
އަލީ ނިޒާރު ޙާޒިރުވުމަށް އަންގާފައި ވަނީ ބުދަދުވަހުގެ މެންދުރު ފަހު 14:00 އަށެވެ.
ޗިޓުގައި ހާމަކޮށްފައިވާ ގޮތުގައި ހާޒިރުކުރާ މައްސަލައަކީ ޖުލައި 31، 2017 ގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ޤާނޫނީ ވާޖިބަށް ހުރަސްއަޅައި ސިފައިންނާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.
މިމައްސަލައިގައި ނިޒާރު ފުލުސް އޮފީހަށް ހާޒިރު ކުރާއިރު މީގެ ކުރިން ވަނީ ހަމަ އެމައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ތަހުގީގް ނިންމާ ޝަރީޢަތް ފަށާފައެވެ.
ދައުވާ ކޮށްފައިވާ 12 މެމްބަރުންނަކީ:
-1 ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު
-2 ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒް
-3 ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)
4- ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ
5- ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
6- ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން
7- ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)
8- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު
9- ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް
10- މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
11- ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
12- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އެވެ.