ހދ. ކުޅުދުއްފުށީ ބަނދަރުގައި މިވަގުތު އޮތް މަހާ ޖައްރާފަށް އެރަށު އަންހެންވެރިން ފަރިވަޅު ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަހާ ޖައްރާފަށް ފުރަތަމަ ފަރިވަޅު ގެންދިއުމަށް ހަމަޖެއްސީ މަހާ ޖައްރާފް ބަނދަރުކުރާ ދުވަހު ނޫން އަނެއް ދުވަހުއެވެ. ނަމަވެސް މިހާރު އެކަން ކުރުމަށް ހަމަޖައްސާފައި ވަނީ ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓްގެ މަޝްރޫޢު ފަށްޓަވައިދެއްވުމަށް ރައީސް ޔާމީން އެރަށަށް ވަޑައިގެންނެވުމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށީގެ ހުރިހާ އަންހެންވެރިންނަށް ހުޅުވައިލައިގެން މިހަރަކާތް ކުރިއަށް ގެންދަނީ އެރަށު ޕީޕީއެމް މެމްބަރުން އިސްނަގައިގެންނެވެ.
މަހާ ޖައްރާފަށް ފަރިވަޅު ގެންދިއުމަށް ހަމަޖެހިފައިވަނީ އެންމެ ދިވެހި ސަގާފީ ގޮތަށެވެ. އެގޮތުން ފަރިވަޅު ހިފައިގެންދާ މީހުން ލުމަށް ހަމަޖެހިފައި ވަނީ ދިވެހި ސަގާފީ ހެދުމެވެ. ޚާއްޞަކޮށް ދިވެހި ލިބާހެވެ.
ރާއްޖޭގެ އެންމެ ބޮޑު ކޮންނަ ބޯޓު، އެމްޓީސީސީން އަލަށް ގެނައި މަހާ ޖައްރާފު ހދ. ކުޅުދުއްފުށީގައި ބަނދަރުކުރީ މިދިޔަ އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހުއެވެ.
ނެދަލެންޑްސްގެ އައި.އެޗް.ސީއާ ހަވާލު ކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީން ބަނދެފައިވާ މި މަހާ ޖައްރާފަކީ ދިގުމިނުގައި 90 މީޓަރު ހުންނަ އުޅަނދެކެވެ. އަދި 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ މި ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
މި މަހާ ޖައްރާފަކީ 555 މިލިއަން ރުފިޔާ (36 މިލިއަން ޑޮލަރު) އަށް ބަނދެފައިވާ އުޅަނދެކެވެ.