ކ. މާލެ
|
7 ނޮވެންބަރ 2017 | އަންގާރަ 16:29
ޑޭވިޑް މޯއިސް: މިއީ އޭނާ ޕްރިމިއާ ލީގުގެ ކްލަބަކަށް އިރުޝާދު ދޭ ހަތަރު ވަނަ ފަހަރު
ޑޭވިޑް މޯއިސް: މިއީ އޭނާ ޕްރިމިއާ ލީގުގެ ކްލަބަކަށް އިރުޝާދު ދޭ ހަތަރު ވަނަ ފަހަރު
ގޫގުލް
ވެސްޓް ހޭމް ޔުނައިޓެޑް
ވެސްޓް ހޭމްގެ ކޯޗަކަށް މޯއިސް އައްޔަނުކޮށްފި
ވެސްޓް ހޭމްގެ ކޯޗުކަމާ މޯއިސް ހަވާލުވިއިރު އެ ޓީމު މިވަގުތު އޮތީ ރެލިގޭޝަން ޒޯނުގައި
އޭނާގެ އިރުޝާދުގެ ދަށުން މި މަހުގެ 19 ވަނަ ދުވަހު ނުކުންނާނީ ވޮޓްފޯޑްއާ ދެކޮޅަށް

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ވެސްޓް ހޭމް ޔުނައިޓެޑްގެ ކޯޗުގެ މަގާމަށް ޑޭވީޑް މޯއިސް އައްޔަނުކޮށްފިއެވެ.

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން ލިވަޕޫލް އަތުން އެ ޓީމު ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ސްލެވަން ބިލިޗް އެ މަގާމުން ވަކި ކުރުމަށް ފަހު މޯއިސް ކޯޗުކަމުގެ މަގާމަށް އައްޔަނުކޮށްފައި ވަނީ އަންގާރަ ދުވަހުގެ ހެދުނުގެ ވަގުތެއްގައެވެ.

ވެސްޓް ހޭމްގެ ކޯޗުކަމާ މޯއިސް ހަވާލުވިއިރު އެ ޓީމު މިވަގުތު އޮތީ ރެލިގޭޝަން ޒޯނުގައެވެ. އެގޮތުން ޕްރިމިއާ ލީގުގައި ކޮންމެ ޓީމެއް ވެސް 11 މެޗު ކުޅެފައިވާއިރު، ވެސްޓް ހޭމް އޮތީ ނުވަ ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ. މިސީޒަނުގައި ވެސްޓް ހޭމް ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ. ދެ މެޗެއް އެއްވަރުވެގެން ނިމުނުއިރު، ވެސްޓް ހޭމް ވަނީ ހަތް މެޗުން ބަލިވެފައެވެ. އަދި ޕްރިމިއާ ލީގުގައި ޓީމެއްގެ ކޮޅަށް އެންމެ ގިނަ ލަނޑު ވަދެފައި ވަނީ ވެސް ވެސްޓް ހޭމްގެ ކޮޅަށެވެ.

ބިލިޗްގެ ކޯޗިން ސްޓާފުންގެ ތެރޭގައި ހިމެނުނު އެ ޓީމުގެ ގޯލްކީޕިންގ ކޯޗު ކްރިސް ވުޑްސް އެ މަގާމުން ބިލިޗްއާ އެކު ވަކި ނުކުރުމުން ގިނަ މީޑިއާތަކުން ވަނީ މޯއިސް އެ މަގާމާ ހަވާލުވާން އުޅޭ ކަމަށް ރިޕޯޓު ކޮށްފައެވެ. އެއީ މޯއިސް އެވަޓަން އަދި މެންޗެސްޓާ ޔުނައިޓެޑަށް އިރުޝާދު ދިން އިރު، ވުޑްސް އެ ޓީމުތަކުގެ ގޯލްކީޕިންގ ކޯޗުގެ ގޮތުގައި މަސައްކަތް ކޮށްފައިވާތީއެވެ.

ވެސްޓް ހޭމްގެ ޖޮއިންޓް ޗެއާމަން ޑޭވިޑް ސުއްލިވަން ބުނެފައި ވަނީ ޓީމަށް އަލުން އަނބުރާ ރަނގަޅު ނަތީޖާ ހޯދައިދިނުމަށް އެންމެ ރަނގަޅު މީހަކީ މޯއިސްކަން ގަބޫލްކުރާ ކަމަށާއި ކުޅުންތެރިންގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ނެރުމަށް މޯއިސްއަކީ އެންމެ އެދެވޭ ކޯޗު ކަމަށެވެ. ހަމައެހެންމެ މިވަގުތު ވެސްޓް ހޭމްއަށް ބޭނުން ވަނީ ޕްރިމިއާ ލީގުގެ ތަޖުރިބާ އާއި މައުލޫމާތު ރަނގަޅަށް ލިބިފައި ހުރި ކޯޗެއް ކަމަށާއި އެހެން ކަމުން މޯއިސްއަކީ މި މަގާމަށް އެންމެ ގާބިލު މީހާކަން ގަބޫލް ކުރެވޭ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނެފައި ވަނީ އެވަޓަންގެ ކޯޗުކަމުގެ މަގާމުގައި އޭނާ ހުރިއިރު ވެސް ރަނގަޅު ނަތީޖާތަކެއް ނެރުނު ކަމަށާއި ވެސްޓް ހޭމްގައި ވެސް އެފަދަ ނަތީތަކެއް އޭނާ ނެރޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ވެސްޓް ހޭމްގެ ކޯޗުކަމާ ހަވާލުވުމަށް ފަހު މޯއިސް ބުނެފައި ވަނީ ކުޅުންތެރިންނާ ޓީމުގެ މެނޭޖްމަންޓާ އެކު މަސައްކަތް ކުރުމަށް ކެތްމަދު ވެފައި ހުރި ކަމަށާއި ރަނގަޅު ނަތީޖާ ހޯދުމަށް ސަޕޯޓަރުންގެ ސަޕޯޓު ވަރަށް މުހިންމު ވާނެ ކަމަށެވެ.

ވެސްޓް ހޭމްގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން މޯއިސް ވަނީ ސަންޑަލޭންޑާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން އެވަޓަންގެ ކޯޗުކަމުގެ މަގާމު ވެސް އަދާކޮށްފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ވެސްޓް ހޭމް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 19 ވަނަ ދުވަހު ނުކުންނާނީ ވޮޓްފޯޑްއާ ދެކޮޅަށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް