ސަޢޫދީއިން ޔަމަނަށް ވަންނަން އޮތް ހުރިހާ މަގެއް ބަންދުކުރުމުން، ބަނޑުހައި ހޫނުކަމުގައި ތިބި ޔަމަނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދެވޭނެ ގޮތެއް ނެތް ކަމަށް އދ. އިން ބުނެފިއެވެ.
އދ. ގެ ތަރުޖަމާނު ފަރުހާން ހައްޤު ވިދާޅުވީ ޔަމަނަށް އެހީގެ ތަކެތި ހިފައިގެން ދާން ހަމަޖެހިފައި އޮތް ދެ މަތިންދާ ބޯޓެއްގެ ދަތުރު މަޑުޖައްސާލަން ޖެހުނު ކަމަށެވެ. ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ނިމިދިޔަ ހަފުތާ ބަންދުގައި ސަޢޫދީގެ ވެރިރަށް ރިޔާޒަށް ދިން މިސައިލު ހަމަލާއަކާ ގުޅިގެން ސަޢޫދީން ވަނީ ޔަމަނަށް އެއްގަމާއި، ކަނޑާއި، ވައިގެ މަގުން ވަދެވެން އޮތް ހުރިހާ މަގެއް ބަންދުކޮށްފައެވެ. ސަޢޫދީން ތުހުމަތުކުރާ ގޮތުގައި އެމިސައިލަކީ އީރާނުން އދ.ގެ ސަލާމަތީ މަޖިލީހުގެ ނިންމުންތަކާ ޚިލާފަށް ޔަމަނަށް ވަގަށް އެތެރެކުރި މިސައިލެކެވެ. ޔަމަނުގެ ހަނގުރާމަވެރި ޖަމާޢަތްތަކަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އދ. ގެ ޤަރާރަކުން މަނާކޮށްފައިވާ ކަމެކެވެ. ސަޢޫދީން ބުނީ ޔަމަނަށް ވަދެވޭނެ ހުރިހާ މަގެއް ބަންދުކުރީ އެމިސައިލް ޔަމަނަށް އެތެރެވި ގޮތެއް ހޯދުމަށް ކަމަށެވެ.
އދ. އިން ބުނީ އެޖަމާޢަތުން މިހާރު މަސައްކަތްކުރަމުންދަނީ އެހީގެ ތަކެތި ޔަމަނަށް އެތެރެކުރެވޭނެ ގޮތެއް ހޯދުމަށް ސަޢޫދީއާ ވާހަކަ ދެއްކުމަށް ކަމަށެވެ. ބަނޑަށް ޖެހިފައިވާ ހަތް މިލިއަން މީހުން ތިބި އިރު، އެމީހުންނަށް ކިރިޔާ ވެސް އެހީއެއް ލިބެނީ އދ. ފަދަ ޖަމާޢަތްތަކުން ކާބޯތަކެތި ފޯރުކޮށްދިނުމުންނެވެ.
މިދިޔަ އެޕްރީލު މަހުން ފެށިގެން ޔަމަނުގައި ދެހާހަށް ވުރެ ގިނަ މީހުން ކޮލެރާ ޖެހިގެން މަރުވެފައިވާއިރު، ހޮސްޕިޓަލުތަކުގައި ބޭސްފަރުވާއަށް ބޭނުންވާ އެންމެ އަސާސީތަކެތިވެސް ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަނގުރާމައިގެ މައިދާންތަކުގައި ސިއްހީ އެހީ ފޯރުކޮށްދޭ އިމެއް ނެތް ޑޮކްޓަރުންގެ ޖަމްޢިއްޔާއިން ބުނީ ޔަމަނުގެ ސިއްހީ ހާލަތު އޮތީ ކަންބޮޑުވާން ޖެހޭ ދަރަޖައިގައި ކަމަށާއި، އެޤައުމަށް އިންސާނީ އެހީ ވަރަށް އަވަހަށް ބޭނުންވާ ކަމާށެވެ.
ޔަމަނުގެ ހޫޡީ ހަނގުރާމަވެރިން އެޤައުމުގެ ސަރުކާރު ވައްޓާލުމާ ގުޅިގެން 2015 ވަނަ އަހަރުން ފެށިގެން ސަޢޫދީން ގެންދަނީ ޔަމަނުގެ ހަނގުރާމަވެރިންނަށް ޙަމަލާ ދެމުންނެވެ. ދެފަރާތުގެ ކުރިމަތިލުންތަކުގައި މިހާތަނަށް 12 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ސަޢޫދީ އާއި އެޤައުމާ ގުޅިފައިވާ އަސްކަރީ ކޯލިޝަނުން އަދި ޔަމަނުގެ ހަނގުރާމަވެރިން ވެސް އިންސާނިއްޔަތާ ޚިލާފު ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ ކަމަށް އދ. އިން ދާދިފަހުން ވަނީ ބުނެފައެވެ. ސަޢޫދީން ޔަމަނުގައި ކުރަމުންދާ ހަނގުރާމައިގެ ފަހަތުގައި ހުންނެވީ ސަޢޫދީ ދިފާޢީ ވަޒީރު އަދި ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާނެވެ. މި ހަމާލަތައް ސަޢޫދީން ދެމުންދަނީ ގިނަ ޤައުމުތަކެއްގެ އެހީތެރިކަމާ އެކުގައެވެ.