އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ތަޖިކިސްތާނު އަތުން ވެސް ބަލިވެ ރާއްޖެއަށް މުބާރާތް ނިމިއްޖެއެވެ.
އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު އިންޑޮނޭޝިއާގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ކުޅުނު އެންމެ ފަހު މެޗުގައި ތަޖިކިސްތާން އަތުން ބަލިވެފައިވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ރާއްޖެއާ ދެކޮޅަށް މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ކުޅުނު ތަޖިކިސްތާނުގެ ޓީމުން ރާއްޖޭގެ ގޯލު ހުޅުވާލީ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު ތަޖިކިސްތާނަށް ޖަހައިދިނީ އެ ޓީމުގެ ފޯވާޑް މަބަޓްޝޮއޭވް ޝާވޯނީއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އިހްސާން ޕަންޝާންބޭ ވަނީ ލަނޑެއް ޖަހައި ތަޖިކިސްތާނުގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ.
ދެވަނަ ހާފަށް ނުކުތްއިރު ދެ ލަނޑުގެ ލީޑެއްގައި އޮތް ތަޖިކިސްތާނުގެ ތިން ވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ފޯވާޑް ބޮބޮއޭވް ޝެރިޑިންއެވެ. މި ލަނޑު ޖެހިތާ ހަތް މިނެޓު ފަހުން ޝާވޯނީ ވަނީ އިތުރު ލަނޑެއް ޖަހައި ތަޖިކިސްތާނަށް ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. މި މެޗުން ތަޖިކިސްތާނަށް ތިން ޕޮއިންޓް ޔަގީން ވެގެން ދިޔައީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ފޯވާޑް ސަމިއޭވް ޝަހަރޯމް ޖަހައިދިން ލަނޑުންނެވެ.
މި ގްރޫޕުގައި ދެވަނަ މެޗުގައި އުޒްބެކިސްތާން ވަނީ 1-0 ގެ ހަނި ނަތީޖާއަކުން ބަންގްލަދޭޝް ބަލިކޮށްފައެވެ. މި މެޗުގެ ހަމައެކަނި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ބަންގްލަދޭޝްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ގްރޫޕުގެ އެއްވަނައަށް ދާ ޓީމު ޔަގީން ވާނީ ބުދަ ދުވަހު އުޒްބެކިސްތާނާއި ތަޖިކިސްތާން ކުޅޭ މެޗުންނެވެ.
ރާއްޖޭގެ ޓީމަށް މި މުބާރާތުގައި މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައި ނުވާއިރު މުބާރާތުގެ ފުރަތަމަ މެޗުގައި ސްރީ ލަންކާއާ އެއްވަރުވި ފަހުން ރާއްޖެ ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެފައެވެ. އެގޮތުން ބަންގްލަދޭޝް އަތުން ފަހު ވަގުތު 1-0 ގެ ނަތީޖާއަކުން ބަލިވިއިރު އުޒްބެކިސްތާން އަތުން ރާއްޖެ ބަލިވީ 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.
ރާއްޖޭގެ ޓީމު މި މުބާރާތާއި ކުރިމަތިލީ އައްޑޫ ސިޓީގައި ކޭމްޕް ކުރުމަށް ފަހު ކަމަށްވާއިރު މިދިޔަ ސެޕްޓެމްބަރު މަހު ބޫޓާންގައި ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ވެސް ރާއްޖޭގެ ޓީމުން ނިންމާލީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ޕޮއިންޓް ތާވަލުގެ ފުލުގައި އޮވެގެންނެވެ.