އަންނަ އަަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މަޖިލީހުގެ ޖަލްސާއެއް ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
ޕީޕީއެމް އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ބަޖެޓް ހުށަހެޅޭނެ ކަމަށެވެ.
އާއްމު އުސޫލުން މަޖިލީހުގެ ޖަލްސާތައް ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ބާއްވާއިރު، ބުރާސްފަތި ދުވަހަކީ އާއްމުކޮށް މަޖިލީހުގެ ޖަލްސާތައް ބާއްވާ ދުވަހެއް ނޫނެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން ވަނީ މިހަފްތާގެ ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ކަމަށް ބުނެފަ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަނީ ފިނޭންސް މިނިސްޓަރެވެ. އެހެންކަމުން ބުރާސްފަތި ދުވަހު ބާއްވާ ޖަލްސާގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވައި ދެއްވާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިދިޔަ ހަފުތާގައި ވަނީ މަޖިލީހުގެ އިދާރާއަށް ފޮނުވާފައެވެ.
އެނގިފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މި އަހަރުގެ ބަޖެޓަށް ވުރެ ބޮޑު ވާނެއެވެ. އެ ގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ބިޔަ މަޝްރޫއުތައް ބަޖެޓްގައި ހިމަނާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ގާނޫނު އަސާސީގެ 96 ވަނަ މާއްދާގައި ބުނެފައިވާގޮތުން ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަހަކަށް ދައުލަތުން ހިނގާނޭ ކަމަށް ލަފާކުރާ ޚަރަދާއި ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބުތައް ހިމެނޭ ބަޖެޓެއް މަޖލީހަށް ހުށަހަޅަންވާނެއެވެ. އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ޚަރަދާއި ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބުތައް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އެ ގޮތުން ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓް ހުށަހަޅަންޖެހެއެވެ.
2018 ވަނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާއިރު މިދިޔަ އަހަރު ފާސްކޮށްފައިވާ 2017 ވަނަ އަހަރުގެ ބަޖެޓަކީ 26.7 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހަށަހަޅާ ފާސްކޮށްފަ އެވެ. އެހެންކަމުން 2017 ވަނަ އަހަރުގެ ޖުމްލަ ބަޖެޓް 27.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.
2017 ވަނަ އަހަރަށް ސަރުކާރުން އާމްދަނީގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭ ކަމަށް ލަފާކޮށްފައިވާއިރު އަންދާޒާ ކުރި އާމްދަނީގެ 985 މިލިއަން ރުފިޔާ ސަރުކާރަށް ލިބިފައެއް ނުވެ އެވެ.