ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ރިޝްވަތުގެ ދައުވާއާ ގުޅޭ އާ ލިޔުންތަކެއް ފާރިސް އަށް ލިބިވަޑައިގެންފައި ވާތީ އެ ލިޔުންތައް ދިރާސާ ކުރެއްވުމަށް ވަގުތު ދެއްވުމުގެ ގޮތުން އަންގާރަ ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާ ޝަރީޢަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
ޝަރީޢަތުގެ އަޑުއެހުން ފެށުމަށް ފަހު ފާރިސް ވިދާޅުވީ މައްސަލައިގެ ހުރިހާ އާ ލިޔުމެއް ލިބިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް އެ ލިޔުންތައް ދިރާސާ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އެގޮތުން އާ ލިޔުންތައް ލިބިވަޑައިގެންފައި ވަނީ މިދޔަ ހަފްތާ ތެރޭގައި ކަމަށާއި ލިޔުން ލިބިވަޑައިގެންނެވި ފަހުން ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވާ ކަމަށް ފާރިސް ވިދާޅުވިއެވެ.
ފާރިސްގެ މައްޗަށް ދައުވާ ކުރާ ރިޝްވަތުގެ މައްސަލައާ ގުޅޭ ގޮތުން ފާރިސް އަށް ލިބިވަޑައިގެންފައިވާ އާ ލިޔުމަކީ އެ މައްސަލައާއި ގުޅިގެން ފުލުހުން ފާރިސް ދިރިއުޅުއްވި އެޕާޓްމެންޓް ބަލާ ފާސްކުރި ގޮތުގެ ޓައިމްލައިންއެވެ.
ފާރިސްގެ އެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ ފާރިސް އަށް ލިބިވަޑައިގެންފައިވާ އާ ލިޔުމަކީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުމެއް ނޫން ކަމަށާއި އެ ލިޔުމަކީ ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓް ބަލާ ފާސްކުރި ގޮތުގެ ލިޔުން ކަމަށެވެ. އަދި ވިދާޅުވީ މައްސަލައާ ގުޅޭ ގޮތުން ފާރިސް އޭނާގެ ވަކީލުންނާ ބައްދަލުކޮށް ލިޔުންތައް ދިރާސާ ކުރުމަށް އިތުރު ވަގުތު ބޭނުންފުޅުވާނަމަ ދައުލަތުން އެކަމަށް އިންކާރު ނުކުރައްވާނެ ކަމަށެވެ.
ފާރިސް ވިދާޅުވީ އަޑުއެހުން ކެންސަލް ކޮށްދެއްވުމަށް ފަހު ދެން މައްސަލައިގެ އަޑުއެހުމެއް ބާއްވައި ދިނުމަށް އެދިލައްވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ފަހުން ކަމަށެވެ. ސަބަބެއް ކަމަށް ފާރިސް ވިދާޅުވީ މި ހަފްތާގެ ބުރާސްފަތި ދުވަހު ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ދެއްވާނެކަން ކަރެކްޝަންސް އިން އަންގަވާފައިވާ ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ފާރިސް އެދިވަޑައިގެންނެވި ގޮތަށް ފާރިސް އަށް ވަގުތު ލިބިވަޑައިގަންނަވާނެ ކަމަށާއި އެގޮތުން ދެން މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ އަންނަ ހަފްތާ ތެރޭގައި ކަމަށެވެ.
ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދިން ކަމަށް ބުނެ އެވެ. މި ދައުވާގެ އިތުރުން ޕީޕީއެމް ދިދަ އާއި ލޯގޯ ބޭނުން ކުރެއްވި ކަމަށް ބުނެ ޝަހުސު އޮޅުވާލުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ވެސް ދަނީ ކުރިއަށެވެ.
ފާރިސްގެ މައްޗަށް ދައުވާ ކުރާ ރިޝްވަތުގެ މައްސަލާގައި މީގެ ކުރިން ވެސް ތިން އަޑުއެހުމެއް ބޭއްވި އެވެ. އެ ތިން އަޑުއެހުމުގައި ޖުމްލަ 14 ކަމެއް ހުށަހަޅާފައިވެ އެވެ. ފާރިސްގެ ފަރާތުން ޖުމްލަ 23 ކަމެއް ހުށަހަޅާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.