ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކުޅުމަށް ހަމަޖެހިފައިވާ ރަހުމަތްތެރިކަމުގެ ދެ މެޗަށް ނެގި އިނގިރޭސި ޤައުމީ ޓީމުގެ ސްކޮޑުން ޓޮޓެންހަމްގެ ހެރީ ކޭން އަދި ހެރީ ވިންކްސް ބާކީކޮށްފި އެވެ.
ޖަރުމަނުވިލާތާއި ބްރެޒިލް އާ ދެކޮޅަށް އިނގިރޭސި ގައުމީ ޓީމް ކުޅޭ ރަހުމަތްތެރިކަމުގެ ދެ މެޗަށް ނެގި ސްކޮޑުން ކޭން އަދި ވިންކްސް ބާކީ ކުރީ އަނިޔާގެ ސަބަބުންނެވެ.
މި ދެ ކުޅުންތެރިންނަށް އަނިޔާވީ އިނގިރޭސި ޕްރިމިއަރ ލީގުގައި އާދީއްތަ ދުވަހު ކްރިސްޓަލް ޕެލަސް އަތުން އެއް ލަނޑު ސުން ލަނޑުން މޮޅުވި މެޗުގައެވެ. އެމެޗުގައި ކަކުލަށް ލިބުނު އަނިޔާ އަކަށް ފޯވާޑް ހެރީ ކޭން ފަރުވާ ހޯދާފައިވާއިރު، ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާ އަށް ހެރީ ވިންކްސް ފަރުވާ ހޯދާފައިވެއެވެ.
މި ދެ ކުޅުންތެރިންގެ އިތުރުން އިނގިރޭސި ގައުމީ ޓީމް ކުޅޭ ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ ދެ މެޗަށް ނެގި ސްކޮޑުން މީގެ ކުރިން ވަނީ ޓޮޓެންހަމްގެ މިޑްފީލްޑަރ ޑެލޭ އަލީ ވެސް ބާކީކޮށްފައެވެ. ގައުމީ ސްކޮޑުން އަލި ބާކީ ކުރީ ފަލަމަސްގަނޑަށް ލިބުނު އަނިޔާ އަކާއި ގުޅިގެންނެވެ.
މިކުޅުންތެރިންގެ ބަދަލުގައި އެވަޓަންގެ ޑިފެންޑަރު މައިކަލް ކީން އަދި ވެސްޓް ބްރޮމްގެ މިޑްފީލްޑަރ ޖޭކް ލިވަރމޯ ވަނީ ގައުމީ ސްކޮޑުގައި ހިމަނާފައެވެ.
އިނގިރޭސިވިލާތް ކުޅޭ ރަހުމަތްތެރިކަމުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެރޭ ނުކުންނާނީ ޖަރުމަނުގެ ގައުމީ ޓީމާއި ދެކޮޅަށެވެ. އަދި ރަހުމަތްތެރިކަމުގެ ދެވަނަ މެޗުގައި މިމަހުގެ 14 ވަނަ ދުވަހު ނުކުންނާނީ ބްރެޒިލް އާ ދެކޮޅަށެވެ. މި ދެ މެޗުވެސް ކުޅޭނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.