ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް ހަތަރު އަހަރުފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހާއްސަ ޖަލްސާ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފި އެވެ.
ހޯމް މިނިސްޓްރީން ކޮށްފައިވާ އެއިއުލާނުގައި ބުނެފައި ވަނީ ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ނޮވެންބަރު 16، 2017 ވާ ބުރާސްފަތި ދުވަހުގެރޭ ހެންވޭރު ކާނިވާ ސަރަހައްދުގައި ބާއްވާ ރަސްމީ ޖަލްސާގެ ސްޓޭޖް ކޮންސެޕްޓް ޑިޒައިންހެދުމާ، ލައިޓިންނާ އަދި ލެޑް ސްކްރީން ބެހެއްޓުމާއި، ސައުންޑް ހެދުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ނޮވެންބަރު 09، 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އެ މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު ނޮވެންބަރު 12، 2017 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދޭ ކަމަށް ވެސް ހޯމް މިނިސްޓްރީން ކޮށްފައިވާ އެއިއުލާނުގައި ބުނެފައިވެއެވެ.
ހޯމް މިނިސްޓްރީން އެ އިއުލާން ކޮށްފައިވާއިރު، ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ އިސްވެރިން ވަނީ ސަރުކާރަށް ހަތަރު އަހަރުފުރުން ފާހަގަ ކުރުމަށް ވަރަށް ހާއްސަ ޖަލްސާއަކަށް ތައްޔާރުވަމުންދާ ކަމަށް ބުނެފައެވެ.
ސަރުކާރަށް ހަތަރު އަހަރުފުރުން ފާހަގަކުރުމަށް ހާއްސަ ޖަލްސާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހޯމް މިނިސްޓްރީން އިއުލާން ކުރުމާ ގުޅިގެން އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ.
މީގެއިތުރުން ޕީޕީއެމުން ބާއްވާ ޖަލްސާތަކުގައި ސަރުކާރު އޮފީސްތަކާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުން ކުރަމުންދާތީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ފާޑު ކިޔާއިރު، އެޖަލްސާތަކަށް މީހުން ހާޒިރު ކުރުމުގައި ވަޒީފާގެ ބިރު ދެއްކުމާއި މަޖުބޫރު ކުރުވައިގެން ޖަލްސާއަށް ހާޒިރުކުރަމުންދާ ކަމުގެ ތުހުމަތާއެކު އަޑުތައް ވެސް ދަނީ ފެތުރެމުންނެވެ.
ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ޖަލްސާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހޯމް މިނިސްޓްރީން ގެޒެޓްގައި އިއުލާން ކުރުމާއި ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ ވިދާޅުވީ އެއީ ސީދާ ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ.
Mee seedha corruption. Rayyithunge faisa in rayyithunnah evves faidha eh neiy kamegga PPM aa Yameen promote kuran haradhu kuravvany. pic.twitter.com/8oFnz6mgmg
— MP Rozaina Adam (@Roxeyna) November 6, 2017