ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް ވަގުތުން މިނިވަން ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމް ގޮވާލައްވައިފިއެވެ.
ނާޒިމްގެ ގެއިން ހަނގުރާމަވެރި ހަތިޔާރެއް ފެނުނު ކަމަށް ބުނެ ނުހައްގުން ޖަލަށް ލެވުނުތާ މިއަދަށް 1,000 ދުވަސްވުމާ ގުޅިގެން ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ނާޒިމަށް ޖަލު ޙުކުމެއް ކޮށްފައި ވަނީ އިންސާފުވެރި ޝަރީއަތަކުން ނޫން ކަން އެއީ މިއަދު ދިވެހި އެންމެހާ ރައްޔިތުންނަށް އެނގޭ ހަގީގާތެއް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ކާރނަލް ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިން އެމަނިކުފާނުގެ ޑީއެންއޭ އަދި ފިންގަރޕްރިންޓް ވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ހާމަކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅުންހުރި ސިޓީއެއް ޖޫން 20، 2017 ގައި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، ކަމާބެހޭ މުއައްސަސާތަކަށް ފޮނުއްވާފައިވާ ކަމަށެވެ. އަދި އެ ސިޓީގައި، ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އާއި ތިން ވަޒަނުގެ ޙަޤީޤަތް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓެއްގައި ހާމަކުރުމުގެ ފުރުޞަތު ލިބިއްޖެ ނަމަ، އެކަން ހިއްސާކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ބަޔާންކުރައްވައި، އެތަކެއްޗަކީ ނާޒިމްގެ ތަކެތި ނޫން ކަމާއި ނާޒިމްއަށް އެތަކެތީގެ ޙަޤީޤަތް އެއްވެސް މިންވަރަކަށް އެއްވެސް އިރެއްގައި އެނގިވަޑައިގެންފައި ނުވާނެކަން ޝަރުޢީ ހަމަތަކުގެ މަތީން ސާބިތުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން، 11 އަހަރަށް ކުރި ޖަލު ޙުކުމް، އެމަނިކުފާނުގެ އާއިލާގެ ފަރާތުން އދ. ގެ ވާރކިން ގްރޫޕަށް ހުށަހެޅި މައްސަލައިގެ ނިންމުމުގައި ވާގޮތުން، އެ މައްސަލައިގެ ތަހުޤީޤު މަރުޙަލާގައި ވެސް ބޮޑެތި މައްސަލަތަކެއް ހުރި ކަމަށާއި، އަދި ނާޒިމްގެ މައްޗަށް ހިންގާފައި ވަނީ މިނިވަން އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށް ކަނޑައަޅާފައިވާކަން ރައީސް މައުމޫނުގެ އޮފީހުގެ ބަޔާނުގައި ވެއެވެ.
"ކާރނަލް (ރޓޑ) މުޙައްމަދު ނާޒިމް ވަގުތުން ދޫކޮށްލުމަށާއި އަދި އެކަށީގެންވާ ބަދަލެއް ހޯދައި ދިނުމަށް އދ. ގެ ވޯކިންގް ގްރޫޕުން ދިވެހި ސަރުކާރަށް ވަނީ ގޮވާލާފައި. އެހެންކަމުން، ކުރީގެ ޑިފެންސް މިނިސްޓަރ ކާރނަލް (ރޓޑ) މުޙައްމަދު ނާޒިމް މިހިނދުން މިހިނދަށް މިނިވަންކުރުމަށް ގޮވާލަން،" ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ސިޔާސީ ބޭނުމަށް، މިނިވަން އިންސާފުވެރި ތަހުޤީގެއް ނުހިންގައި ޙުކުމްކޮށް ޖަލުގަ އާއި ގޭ ބަންދުގައި ހުކުމް ތަންފީޒު ކުރަމުންދާ ހުރިހާ ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ވެސް ރައީސް މައުމޫން ގޮވާލައްވާފައި ވެއެވެ.