އިގްތިސާދީ ކުރިއެރުންތައް ހޯދަމުންދާ އިރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަނޑައެޅިފައިވާ އުސޫލުތަކާއި ހަމަތަކުގައި ނުހިފެހެއްޓުން ކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ގައުމީ ފެންވަރުގައި މުޅިން އަލަށް ބާއްވާ އެކައުންޓެންޓްސް ފޯރަމު ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒިޔަތު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާ ގުޅިގެން، ދައުލަތުގެ އާމްދަނީ އިތުރުވުމާއި، ދައުލަތް ހިންގުމަށާއި، އިޖުތިމާއީ ހިދުމަތްތައް ދިނުން ވެސް އިތުރުވެފައިވާ ކަމަށެވެ. އަދި އިގްތިސާދު ހިފެހެއްޓުމަށް ކުރަންޖެހޭ ހަރަދުތައް ވެސް އިތުރުވެގެން ގޮސްފާވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ، މާލީ ބާޒާރާއި، އިގްތިސާދު ވެސް ކުރިއަރަމުން އަންނަ ކަމަށެވެ. މިފަދަ ކުރިއެރުގެ ތެރެއިން ހަމަތަކާއި އުސޫލުތައް ހިފެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަމަތަކާއި އުސޫލުތައް ހިފަހައްޓައި، ކަން ކަން ބޮއްސުން ލައިގެން ދިޔަ ނުދިނުމަށް، ގާބިލު ފަންނުވެރިން އުފައްދަންޖެހޭ ކަމަށް ޒިޔަތު ވިދާޅުވި އެވެ.
ހޮޓެލް ޖެންގައި ކުރިއަށްދާ މި ފޯރަމް ތިން ދުވަހަށް ކުރިއަށްދާނެ އެވެ. އޮޑިޓަރ ޖެނަރަލްގެ އޮފީހުން އިސް ނަގައިގެން ބައެއް ޕަބްލިކް ކުންފުނިތަކުގެ އެހީތެރި ކަމާއެކު، ކުރިއަށްގެންދާ މި ފޯރަމް އަމާޒުކުރަނީ އޮޑިޓިންގ ޕްރޮފެޝަނުގައި މަސައްކަތްކުރާ ދިވެހީންނަށެވެ.