ކޮރަޕްޝަނާ ދެކޮޅަށް ފެށި އޮޕަރޭޝަނެއް ކަމަށްބުނެ ސަޢޫދީން ގިނަ އަދަދެއްގެ އަމީރުންނާއި ބޮޑެތި ވިޔަފާރިވެރިން ހައްޔަރުކުރަން ފެށުމުން ދުނިޔޭގެ ބާޒަރުގައި ތެލުގެ އަގު މައްޗަށް ޖެހިއްޖެއެވެ.
ހޯމަ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ފާއިތުވެދިޔަ ދެ އަހަރު ތެރޭގައި މައްޗަށް ނުދާ މިންވަރަށް ވަނީ މައްޗަށް ގޮސްފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓިފައި އޮތުމަށް ފަހު ތެލުގެ އަގު އަނެއްކާ ވެސް މައްޗަށް ދިޔައީ ސަޢޫދީން ތެޔޮ ބޭރުކުރާ މިންވަރަށް ބަދަލުތަކެއް އަތުވެދާނެކަމުގެ ބިރު ހީވުމުންނެވެ. ވަލީޢަޙުދު މުހައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ސަޢޫދީގައި އަލަށް އެކުލަވާލި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިދާރާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ސައޫދީގެ މަޝްހޫރު އިންވެސްޓަރ އަލްވަލީދު ބިން ތަލާލް ހިމެނެއެވެ. އަދި މިކަން ހިނގާފައިމިވަނީ ސަޢޫދީގެ ޤައުމީ ތެޔޮ ކުންފުނި ސަޢޫދީ އަރަމްކޯގެ ހިއްސާ ވިއްކުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
ދެވަނަޔަށް އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމުގެ ގޮތުންނާއި އަދި އޯޕެކްގެ އެންމެ ބާރުގަދަ ޤައުމުގެ ގޮތުން ސަޢޫދީން ތެޔޮ އުފައްދާ މިންވަރަށް ކުޑަ ނަމަވެސް ލޮޅުމެއް އަރައިފި ނަމަ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް އަރާނެއެވެ.
ބާޒާރުގެ އަގުތަކަށް ބަލާއިރު އިނގިރޭސިވިލާތުގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 62.44 ޑޮލަރަށް މައްޗަށް ޖެހިފައެވެ. މިއީ 2015ވަނަ އަހަރުގެ ޖޫން މަހުގެ ފަހުން ތެޔޮ ފީފާއެއްގެ އަގު މިހާ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. އަދި މިއީ މިދިޔަ ޖޫން މަހު، ތެލުގެ އަގު މިއިން ޒަމާނަކު ދަށަށް ނުދާ މިންވަރަށް ދިޔަ ފަހުން އޭރު ތެޔޮ ފިފާއެއް ހުރި އަގަށްވުރެ 40.8 އިންސައްތަ މަތީ އަގެކެވެ.
ސައޫދީން ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ ގިނަ ބަޔަކު ހައްޔަރުކުރަމުންދާއިރު، މިކަމުގެ ސަބަބުން އެޤައުމުގައި އިންވެސްޓްކުރަން ދާން ބައެއް ފަރާތްތަކުން ޖެހިލުންވާނެ ކަމަށް މުހައްލިލުން ދެކެއެވެ. ސަބަބަކީ ހައްޔަރުކުރެވުނު ގިނަ މީހުންނަނީ އެޤައުމުގެ ވިޔަފާރީގައި ނަގާ ކިޔާ މީހުންނަށް ވުމާއި، މިއީ ސިޔާސީ އޮޕަރޭޝަނެއް ކަމަށް ބައިނަލްއަޤްވާމީ މުޖްތަމައުން ތުހުމަތުކުރާތީއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އަލްވަލީދު ބިން ތަލާލްގެ ކިންގްޑަމް ހޯލްޑިންގ އާއި ނާސިރު އައްތައްޔާރުގެ، އައްތައްޔާރު ގްރޫޕްގެ ހިއްސާގެ އަގުތައް ސަޢޫދީ ޙިއްސާގެ ބާޒާރުގައި ވަނީ ވެއްޓިފައެވެ.