ކ. މާލެ
|
6 ނޮވެންބަރ 2017 | ހޯމަ 20:38
ވެސްޓް ހޭމްގެ ކޯޗުގެ މަގާމުން ވަކިކުރި ސްލެވަން ބިލިޗް: ވެސްޓް ހޭމް އޮތީ ޕްރިމިއަރ ލީގު ތާވަލްގެ 18 ވަނާގައި
ވެސްޓް ހޭމްގެ ކޯޗުގެ މަގާމުން ވަކިކުރި ސްލެވަން ބިލިޗް: ވެސްޓް ހޭމް އޮތީ ޕްރިމިއަރ ލީގު ތާވަލްގެ 18 ވަނާގައި
ގެޓީ އިމޭޖަސް
ވެސްޓް ހޭމް ޔުނައިޓެޑް
ވެސްޓް ހޭމްގެ ކޯޗުގެ މަގާމުން ސްލެވަން ބިލިޗް ވަކިކޮށްފި
ލީގުގައި ކުޅުނު 11 މެޗުން 9 ޕޮއިންޓާއެކު ވެސްޓް ހޭމް އޮތީ ރެލިގޭޝަން ޒޯނުގައި
ބިލިޗްއާ އެކު މަސައްކަތްކުރި އެސިސްޓެންޓް ކޯޗުން ވެސް ވަނީ ވަކިކޮށްފައި
ވެސްޓް ހޭމްގެ ކޯޗުގެ މަގާމާ ހަވާލުވާނެ ކަމަށް ބެލެވެނީ އެވަޓަން އަދި ޔުނައިޓެޑްގެ ކުރީގެ ކޯޗު މޯއިސް

އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބް ވެސްޓް ހޭމް ޔުނައިޓެޑްގެ ކޯޗުގެ މަގާމުން ސްލެވަން ބިލިޗް ވަކިކޮށްފި އެވެ.

ބިލިޗް މަގާމުން ވަކިކޮށްފައި ވަނީ، ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން ހަތަރު ލަނޑު، އެއް ލަނޑުން ބަލިވި މެޗަށް ފަހު އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ކޮންމެ ޓީމެއް ވެސް 11 މެޗު ކުޅެފައިވާއިރު، ވެސްޓް ހޭމް އޮތީ ނުވަ ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ. މިސީޒަނުގައި ވެސްޓް ހޭމް ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ. ދެ މެޗެއް އެއްވަރުވެގެން ނިމުނުއިރު، ވެސްޓް ހޭމް ވަނީ ހަތް މެޗުން ބަލިވެފައެވެ.

ބިލިޗް ވަކިކުރި ކަން ހާމަ ކުރަމުން ވެސްޓް ހޭމް އިން ބުނީ، އޭނާ ވަކިކުރީ ކްލަބުގެ އުއްމީދުތަކާ އެއްގޮތަށް ކުރިއަށް ދިޔުމަށް ބަދަލެއް ބޭނުންވާ ކަމަށް ކްލަބަށް ގަބޫލް ކުރެވިގެން ކަމަށެވެ.

ވެސްޓް ހޭމްއާ 2015 ވަނަ އަހަރުގެ ހޫނު މޫސުމުގައި ހަވާލުވި ބިލިޗް ވަނީ އެކްލަބުގައި އޭނާގެ މަސައްކަތާ މެދު ފަޚުރުވެރިނުވާ ކަމަށް ބުނެފައެވެ. ބިލިޗް ބުނީ، މިއުނދަގޫ ސީޒަންގެ ފެށުން ރަނގަޅު ނޫން ކަމަށާއި، ޔޫރަޕްގެ ހުރިހާ ކްލަބްތަކެކޭ އެއްފަދައިން، އެކަމުގެ ޒިންމާނަގަންޖެހޭ ފަރާތަކީ ކްލަބުގެ ކޯޗު ކަމަށް ގަބޫލް ކުރާ ކަމަށެވެ. އަދި ކްލަބުގެ މެނޭޖްމަންޓުގެ މިނިންމުމަކީ ގަބޫލުކުރެވޭ ނިންމުމެއް ކަމަށް އޭނާ ބުންޏެވެ.

ވެސްޓް ހޭމްގެ ކޯޗުގެ މަގާމާ ހަވާލުވި ފުރަތަމަ ސީޒަނުގައި އުމުރުން 49 އަހަރުގެ ކްރޮއޭޝިއާގެ ކުރީގެ ޑިފެންޑަރު ވަނީ އިނގިރޭސި ޕްރިމިއަރ ލީގުގެ ހަތްވަނަ މަގާމަށް އެ ކްލަބަށް ގެނެސްދީފައެވެ. އެހެންނަމަވެސް ބިލިޗުގެ އިރުޝާދުގެ ދަށުން ވެސްޓް ހޭމް މިދިޔަ ސީޒަން ނިންމާލީ ތާވަލްގެ 11 ވަނާގައި އޮވެގެންނެވެ.

ބިލިޗަކީ މިސީޒަނުގައި އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބަކުން ވަކިކުރި ފުރަތަމަ ކޯޗެއް ނޫނެވެ. ލީގުގައި މިހާތަނަށް ކޮންމެ ކްލަބަކުން ވެސް 11 މެޗު ކުޅެފައިވާއިރު، ބިލިޗްގެ އިތުރުން ތިން ކޯޗެއް މީގެ ކުރިން ވަކިކޮށްފައި ވެއެވެ. އެ ގޮތުން ކްރިސްޓަލް ޕެލަސްގެ ކުރީގެ ކޯޗު ފްރެންކް ޑި ބޮއަ، އެވަޓަންގެ ކުރީގެ ކޯޗު ރޮނަލްޑް ކޮއެމަން އަދި ލެސްޓާގެ ކޯޗު ކްރެއިގް ޝޭކްސްޕިއަރ އެވެ.

ވެސްޓް ހޭމްގެ ދެ ޗެއަރމަނުން ކަމަށްވާ ޑޭވިޑް ސުއްލިވަން އަދި ޑޭވިޑް ގޯލްޑް ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ވަނީ، އެކްލަބުގައި ބިލިޗް މަސައްކަތްކޮށްފައި ވަނީ ތެދުވެރިކަމާއި ނަޒާހާތްތެރިކަމާ އެކުގައި ކަމަށާއި، އޭނާ މަގާމުން ވަކި ކުރުމަށް ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށެވެ.

ވެސްޓް ހޭމްގެ ކޯޗު ބިލިޗްއާ އެކު އޭނާގެ އެސިސްޓެންޓުން ކަމަށްވާ ނިކޮލާ ޖުރްސެވިޗާއި، އެޑިން ޓާރޒިން، ޖޫލިއަން ޑިކްސް އަދި މިލްހެންކޯ ރަކް ވެސް ވަނީ އެމަގާމުތަކުން ވަކިކޮށްފަ އެވެ.

އެކްލަބުގެ ކޯޗިންގ ސްޓާފުންގެ ތެރެއިން ކްލަބުގައި މަޑުކުރާ ހަމައެކަނި ފަރާތަކީ ގޯލްކީޕިންގ ކޯޗު ކްރިސް ވުޑްސް އެވެ. އޭނާ ވަނީ ޑޭވިޑް މޯއިސް އެވަޓަން އަދި ޔުނައިޓެޑަށް އިރުޝާދު ދިން އިރު، މޯއިސްއާއެކު މަސައްކަތް ކޮށްފައެވެ.

ބިލިޗްގެ ބަދަލުގައި ވެސްޓް ހޭމްގެ ކޯޗުގެ މަގާމަށް އަންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައި ވަނީ އެވަޓަން އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކޯޗު ޑޭވިޑް މޯއިސް އެވެ.

ވެސްޓް ހޭމް އިން ވަނީ ބިލިޗްގެ ބަދަލުގައި އެކްލަބަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކޯޗެއްގެ ނަން އިއުލާން ކުރާނެ ކަމަށެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ދެން ކުޅެން ޖެހޭ މެޗުގައި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ނުކުންނާނީ ވަޓްފޯޑް އާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް