ކުރީގެ ހާބަރު ކަޑަތައް ހުރި ސަރަހައްދުގައި ފުޑް ކޯޓްތަކެއް އެޅުމަށްޓަކައި އެޅި ސަތަރި ގަނޑެއް ނެގުމަށް މަސައްކަތްކުރަމުން ދަނިކޮށް ކެރޭނެއް ފުރޮޅާލައިފި އެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވި އެސްޓީއޯގެ މުވައްޒަފަކު ރާއްޖެއެމްވީއަށް ކިޔާދިން ގޮތުގައި ކެރޭން ކޮންޓްރޯލް ނުވެ ވެއްޓި އެ ސަރަހައްދުގައި ޖަހާފައިވާ ޓިނުތަކުގެ މައްޗަށް ފުރޮޅާލީ ފުޑް ކޯޓު ސަރަހައްދުގައި އެޅުމަށް ގެނެސްފައި ހުރި ސަތަރިތައް ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. ކޮންޓްރޯލު ނުވީ، ސަތަރި ގަނޑު މާ ބަރުވުމުން ކަމަށް އޭނާ ބުންޏެވެ.
މިހާދިސާގައި މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ގާތްގަނޑަކަށް ހަވީރު 5:30 ހާއިރު ހިނގި މިހާދިސާގައި ކެރޭން އެ ސަރަހައްދުން ނަގާފައި ވަނީ މަޣްރިބު ނަމާދަށް ފަހު އެވެ.
އެސްޓީއޯއާ ހަވާލުކޮށްގެން ތަރައްގީ ކުރާ ފުޑް ކޯޓްތަކުގައި އަޅާ ސަތަރިތައް އެ ސަރަހައްދުން ނަގާފައިވާ އިރު އެކަން އެގޮތަށް ކުރަނީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. މިކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް އެސްޓީއޯއަށް ގުޅުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ.
ރާއްޖެޓީވީއަށް ކުރިން މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވެފައި ވަނީ، މާލޭ ހުޅަނގު ހާބަރު ސަރަހައްދުގައި ފުޑް ކޯޓް އެޅުމުގެ މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގައި ޒަމާނީ ޓެންޓްތައް އެޅުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ހަތަރު ބްލޮކަށް ބަހާލައިގެން، ފުޑް ކޯޓުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މަސައްކަތް ލަސްވެގެންދިޔައީ ބޭރުން ގެންނަންޖެހޭ ސާމާނުތައް ގެނައުމުގައި ލަސްވުމުގެ ސަބަބުން ކަމަށް ޝަހީރު ވިދާޅުވެފައި ވެއެވެ.
ފުޑްކޯޓްތަކުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ގެންދިއުމަށް ފަހު މިހާރު މަސައްކަތް ހުއްޓިފައި ހުންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އެ ތަނުގައި ޖަހާފައި ހުރި ޓެންޓްތަކުގައި ކުރިން ހުދު ސަތަރިތަކެއް ހަރުކޮށްފައި ހުރި ނަމަވެސް މިހާރު ވަނީ އެތަކެތި ނަގާފައެވެ. އަދި އެ ތަކެތި ހަރުކޮށްފައި ހުރި އިރު ފެން ހަރުލުމުގެ މައްސަލަ ކުރިމަތިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މާލޭގެ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދުގައި ކުރިން ހިންގަމުންދިޔަ ކެފޭތައް ނެގުމަށް ފަހު، ޒަމާނީ ފެންވަރުގެ ފުޑް ކޯޓްތަކެއް އެޅުމަށް އެސްޓީއޯ އާ ހަވާލުކޮށްފައި ވަނީ، 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. ހައުސިންގ މިނިސްޓްރީން އެ މަސައްކަތް އެސްޓީއޯއާ ހަވާލުކޮށްގެން ކުރުމަށް ރާވާފައިވާ އިރު، އެތަނުގައި 25 ނުވަތަ 27 ސްޓޯލު ގާއިމް ކުރެވޭނެ އެވެ.
މި މަސައްކަތް އެންމެ ފުރަތަމަ ފެށީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށެވެ. އެހެން ނަމަވެސް އެ މަސައްކަތް ހަވާލު ކުރިތާ، ދެ އަހަރު ވާން ގާތްވެފައިވާ އިރުވެސް އެ ސަރަހައްދު ތަރައްގީ ކުރެވިފައެއް ނުވެ އެވެ. އެ ސަރަހައްދުގައި ފުޑް ކޯޓުތައް ގާއިމް ކުރާ އިރު، ޕާކިން ޒޯންތަކާއި ދެ ފާހާނާ ބަރިވެސް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެން ނަމަވެސް މިހާރު އަނެއްކާ ވެސް ފެންނަމުންދަނީ އެ ސަރަހައްދުގެ ފުޑް ކޯޓުތަކުގައި އަޅާފައި ހުރި ހުދު ސަތަރިތައް ވެސް ނަގަމުންދާ މަންޒަރެވެ.