ކޮންމެ ޓީމަކަށް ވެސް މެންޗެސްޓާ ސިޓީ ބަލިކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މި ސީޒަނުގައި އެ ޓީމު ދައްކަމުން އަންނަ ތަފާތު މޮޅު ކުޅުމުގެ ސަބަބުން ގިނަ ބަޔަކު ގަބޫލްކުރާ ގޮތުގައި މި ސީޒަން ވެގެންދާނީ 2003 ވަނަ އަހަރު އެއްވެސް މެޗަކުން ބަލިނުވެ އާސެނަލްއިން ޕްރިމިއާ ލީގު އުފުލާލި ފަހުން، ފުރަތަމަ ފަހަރަށް އެއްވެސް މެޗަކުން ބަލިނުވެ ޓީމަކުން ތަށި ހޯދާނެ ފުރަތަމަ ފަހަރަށެވެ. އާދިއްތަ ދުވަހު 3-1 އިން އާސެނަލް ބަލިކުރުމަށް ފަހު ސިޓީން ވަނީ އެ ޓީމު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑު 23 މެޗަށް އިތުރު ކޮށްފައެވެ.
އެހެންނަމަސް ގާޑިއޯލާ ބުނީ އޭނާގެ ޓީމަކީ 2003 ވަނަ އަހަރުގެ އާސެނަލްގެ ޓީމާ އެއްފަދަ ޓީމެއް ނޫން ކަމަށާއި ކޮންމެ ޓީމަކަށް ވެސް ސިޓީ ބަލިކުރެވިދާނެ ކަމަށެވެ. ބަލިވުމަކީ ކުޅިވަރުގައި އަންނާނެ ކަމެއް ކަން ފާހަގަކޮށް ގާޑިއޯލާ ބުނެފައި ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ފަހު ދެން ކުޅޭ މެޗަކުން ވެސް ކޮންމެ ޓީމެއް ވެސް ބަލިވެދާނެ ކަމަށެވެ.
މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ބޮޑު ހަ ޓީމުގެ ގޮތުގައި ފާހަގަކުރެވިފައި އޮންނަ ޓީމުތަކާ ދެކޮޅަށް ކުޅުނު 12 މެޗުގެ ތެރެއިން ސިޓީ މޮޅުވީ އެންމެ ދެ މެޗުން ކަމަށާއި މި ސީޒަން ދެބައި ނުވަނީސް މިހާތަނަށް ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްފައިވާނެ ކަމަށް ގާޑިއޯލާ ބުނެފައި ވެއެވެ. އޭނާ ބުނީ ޕްރިމިއާ ލީގު ކާމިޔާބުކުރަން ބޭނުން ނަމަ އާސެނަލް، ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް އަދި ޓޮޓެންހަމް ބަލިކުރުމަކީ ކޮންމެހެން ލާޒިމް ކަމެއް ކަމަށާއި އަބަދުވެސް އަމިއްލަ ދަނޑުގައި ކުޅޭ މެޗުތައް ކާމިޔާބު ކުރަން އިސްކަން ދޭންޖެހޭނެ ކަމަށެވެ.
އާސެނަލް އަތުން ސިޓީ މޮޅުވުމާއި ޗެލްސީ އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވުމާ ގުޅިގެން ސިޓީއަށް ވަނީ ޕްރިމިއާ ލީގުގެ ކުރީގައި އަށް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އަދި އެ ޓީމުން ޖަހާފައިވާ 38 ލަނޑަކީ މި ސީޒަނުގައި ޕްރިމިއާ ލީގުގެ ޓީމުން ޖަހާފައިވާ އެންމެ ގިނަ ލަނޑުގެ އަދަދެވެ. އެހެނަސް އޭނާ ވަނީ އޭނާގެ ޓީމުގެ ކުޅުންތެރިންނަށް ވެސް ވިސްނުވައިދެނީ އެއްވެސް މެޗެއް ފަސޭހަ މެޗެއްގެ ގޮތުގައި ނުނެގުމަށް ކަމަށް ބުނެފައެވެ.
އާދިއްތަ ދުވަހުގެ މެޗު ހާއްސަވި އެންމެ ބޮޑު އެއް ސަބަބަކީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ސިޓީން ހޯދަން މަސައްކަތްކުރި އާސެނަލްގެ އެލެކްސިސް ސަންޗޭޒް އެ ޓީމާ ދެކޮޅަށް ނުކުތުމެވެ. ސަންޗޭޒްއާ ބެހޭ ގޮތުން ގާޑިއޯލާ ބުނެފައިވަނީ އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިޔެއް ކަމަށާއި ފުރަތަމަ ހާފުގައި ސިޓީއަށް ކުރިމަތިވި ހުރިހާ ހަމަލާއެއް ވެސް އުފެއްދީ ސަންޗޭޒް ކަމަށެވެ.
ސިޓީ މިހާތަނަށް ޕްރިމިއާ ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާއިރު އެ ޓީމު މިވަގުތު އޮތީ ކުޅުނު 11 މެޗުން ލިބުނު 31 ޕޮއިންޓާއެކު ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައެވެ. އަދި އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް އެ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.