ލުބްނާނުގެ ބޮޑުވަޒީރު ސާދު ހަރީރީ މަގާމުން އިސްތިއުފާ ދެއްވުމަކީ "ސައުދީން ބުނިބުނުމެއްގެ މައްޗަށް ނިންމެވި ނިންމެވުމެއް" ކަމަށް ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ތުހުމަތު ކުރައްވައިފިއެވެ.
ހިޒްބުﷲ ޖަމާއަތުގެ އަލް މަނާރު ޓީވީގައި އާދީއްތަ ދުވަހު ވާހަކަދައްކަވަމުން އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ވިދާޅުވީ ހަރީރީގެ އިސްތިއުފާ ތަގުރީރު ލިޔުނީ "ސައުދީން" ކަމަށެވެ.
ހަސަން ނަސްރުﷲ ވިދާޅުވީ ހަރީރީގެ އިސްތިއުފާ ދެއްވުމަކީ ހިޒްބުﷲ ޖަމާއަތުން އެެދޭ ގޮތް ނޫން ކަމަށެވެ.
ލުބުނާނުގެ ބޮޑު ވަޒީރު ކަމުން ހަރީރީ އިސްތިއުފާ ދެއްވީ ލުބުނާނުގެ ދާހިލީ ކަންކަމަށް އިރާނާއި އަދި އިރާނާ ރަހްމަތްތެރި ހިޒްބުﷲ ޖަމާއަތުން ނުފޫޒު ފޯރުވާ ކަމަށް ބުނެއެވެ. އަދި ހަރީރީ އަވާހަރާކޮށްލަން ބަޔަކު އުޅޭ ކަމަށް ވެސް ހަރީރީ ތުހުމަތު ކުރެއްވިއެވެ.
ހަރީރީ އިސްތިއުފާ ދެއްވިކަން ހާމަކުރި ތަގުރީރުގައި ހިޒްބުﷲ ޖަމާއަތުން ގައުމުގައި ފިތުނަ އުފައްދަން މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ. އިރާނަށް އިޝާރަތް ކުރައްވާ ހަރީރީ ވިދާޅުވީ ލުބުނާނަށް ހެޔޮނޭދޭ ބަޔަކު ގައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެބަޔަކު މަސައްކަތް ކުރަނީ ލުބުނާނުގެ ދައުލަތުގައި އިތުރު ދައުލަތެއް އުފައްދަން ކަމަށެވެ. ހަރީރީ ވަނީ އިރާނުން އަރަބި އެހެން ގައުމުތަކުގެ ދާހިލީ ކަަންކަމާ ބެހޭ ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ. އޭގެ ތެރޭގައި ސީރިޔާ، އިރާގު، ބަހްރައިން އަދި ޔަމަންގެ ނަން ހަރީރީ ފާހަނގަ ކުރެއްވިއެވެ.
ބޮޑު ވަޒީރުކަމުގެ މަގާމުން ހަރީރީ އިސްތިއުފާ ދެއްވިކަން އިއުލާންކުރެއްވީ ސައުދީ އަރަބިއްޔާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އެގައުމުގެ ވެރިރަށް ރިޔާދްގައި ހުންނަވައިގެންނެވެ. ހަރީރިގެ އިސްތިއުފާއާ ގުޅިގެން އިރާނުން ބުނެފައި ވަނީ ހަރީރީ އިސްތިއުފާ ދެއްވީ ސަރަހައްދުގެ ހަމަޖެހުން ނަގާލައި، މެދުއިރުމަތި ހަލަބޮލި ކޮށްލުމުގެ ރޭވުމެގައި ކަމަށެވެ.