ކ. މާލެ
|
6 ނޮވެންބަރ 2017 | ހޯމަ 17:04
ބައިކް މޯލްޑިވްސްގެ އަހަރީ ޑިނާރ ނައިޓުގައި ޝަރަފުވެރިކަމުގެ ހަދާނީ ލިޔުން އެރުވި ފަރާތްތަށް
ބައިކް މޯލްޑިވްސްގެ އަހަރީ ޑިނާރ ނައިޓުގައި ޝަރަފުވެރިކަމުގެ ހަދާނީ ލިޔުން އެރުވި ފަރާތްތަށް
ފޭސްބުކް
ބައިކް މޯލްޑިވްސް
ބައިކް މޯލްޑިވްސްގެ އަހަރީ ފެމިލީ ޑިނާރ ނައިޓް ބާއްވައިފި
އެއްގަމު އުޅަދެއްގެ ގޮތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ބައިސްކަލް ބޭނުންކުރި 13 ފަރާތަކަށް ވަނީ ޝަރަފުވެރިކަމުގެ އިނާމު ދީފައި
ބައިސްކަލަށް މީހުން އަހުލުވެރި ކުރުވުމުގެ ގޮތުން ތަފާތު އެކިއެކި ހަރަކާތްތައް އެ އެސޯސިއޭޝަނުން އަންނަނީ ހިންގަމުން

ރާއްޖޭގެ އޮފިޝަލް ބައިސްކަލް އެސޯސިއޭޝަން ނުވަތަ ބައިކް މޯލްޑިވްސްއިން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ އެ އެސޯސިއޭޝަނުގެ ފެމިލީ ޑިނާރ ނައިޓް ބާއްވައިފިއެވެ.

މަގުމަތީގެ ރައްކާތެރިކަމާއި ރާއްޖޭގައި ބައިސްކަލް ދުއްވާ މީހުންގެ ނިސްބަތް އިތުރު ކުރުމުގެ ގޮތުންނާއި ދުޅަހެޔޮ ސިއްހަތަކަށާއި ތިމާވެށި ހިމަޔާތް ކުރުމުގެ ގޮތުން ބައިސްކަލް ދުއްވުން މީހުންގެ ކިބައިގައި އަށަގެންނެވުމުގެ ގޮތުން 2015 ވަނަ އަހަރު އުފެއްދި ބައިކް މޯލްޑިވްސްގެ އަހަރީ ޑިނާރ ނައިޓް ބާއްވާފައި ވަނީ އާދިއްތަ ދުވަހުގެ ރޭ ސްޓެލޯކޯ އިމާރާތުގެ ޓެރަހުގައެވެ. އެ އެސޯސިއޭޝަނުގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވި މި ޑިނާރ ނައިޓް ޝަރަފްވެރި ކޮށްދެވީ ޑރ. މުހައްމަދު އަލީއެވެ.

މި ޑިނާރ ނައިޓްގައި އެ އެސޯސިއޭޝަނުން ވަނީ ލ. އަތޮޅުގައި އެ އެސޯސިއޭޝަނުން ހިންގި ހަރަކާތްތަކުގައި ވަނަވަނަޔަށް ދިޔަ ފަރާތްތަކަށް އިނާމު ދީފައެވެ. ހަމައެހެންމެ މި ޑިނާރ ނައިޓްގައި އެ އެސޯސިއޭޝަނުގެ ހަރަކާތްތަކާ ބެހޭ ހާއްސަ ފޮޓޯ މައުރަޒެއް ހުޅުވުމާއި އެ ހަފްލާގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ލަކީ ޑްރޯއެއް ވެސް ވަނީ ނަގާފައެވެ. މި ލަކީ ޑްރޯއިން ހޮވުނު ފަރާތަކަށް އެ އެސޯސިއޭޝަނުން ވަނީ ބައިސްކަލެއް ހަދިޔާ ކޮށްފައެވެ.

މި ޑިނާރ ނައިޓްގެ އެންމެ ހާއްސަ ކަމެއްގެ ގޮތުން އެއްގަމު އުޅަދެއްގެ ގޮތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ބައިސްކަލް ބޭނުންކުރި 13 ފަރާތަކަށް ވަނީ ޝަރަފުވެރިކަމުގެ އިނާމު ދީފައެވެ. އެގޮތުން މި އިނާމުތައް ލިބިފައި ވަނީ ޑރ. މުހައްމަދު އަލީ، އަބްދުލް ޣަނީ ޔޫސުފް، މުހައްމަދު އަލީ، މުހައްމަދު ޔޫސުފް، އަލީ ވަހީދު، ޑރ. މުހައްމަދު އަހުމަދު، އައިޝަތު ޝާހީން، ނުޒުހަތު ޝަމީމް، އަހުމަދު އަލި މަނިކު، ރަޝާދު މުހައްމަދު، މުހައްމަދު ހަލީމް، އާދަމް އިބްރާހިމް ފުޅު އަދި މުހައްމަދު ނާޒިމް އަށެވެ.

ހަމައެހެންމެ އެ އެސޯސިއޭޝަނުން ވަނީ ހައުސިން މިނިސްޓްރީން އެ އެސޯސިއޭޝަނަށް ދެމުން އަންނަ އެހީތެރިކަން ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހާއްސަ ހަދާނީ ލިޔުމެއް އެ މިނިސްޓްރީއަށް އަރުވާފައެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން މި ހަދާނީ ލިޔުމާ ހަވާލުވެވަޑައިގަތީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ވަހީދު އެވެ.

ބައިކް މޯލްޑިވްސްގެ މެމްބަރުންގެ ގޮތުގައި އެކި އުމުރުފުރައިގެ މީހުން ހަރަކާތްތެރިވަމުން އަންނަ އިރު އެ އެސޯސިއޭޝަނުން އަންނަނީ ދުޅަހެޔޮ ސިއްހަތަކަށާއި ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ބައިސްކަލްއަށް މީހުން އަހުލުވެރި ކުރުވުމުގެ ގޮތުން ތަފާތު އެކިއެކި ހަރަކާތްތަށް ހިންގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
7 ނޮވެންބަރ 2017 | އަންގާރަ 16:29
ކިލޭރު
ތިތާ ތިތިބަ އެންމެންގެ އާއިލާޔަށް ދައުވަތު ދިނިންތަ؟