ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނިކޮށް، އެއީ ޤާނޫނާއި ޚިލާފް ނިންމުމެއް ކަމަށާއި، އެނިންމުމާއި ގުޅިގެން ބައި އިލެކްޝަނެއް އެދާއިރާގައި ބާއްވައިފިނަމަ، އެ ބައިއިލެކްޝަންގައި ވޯޓުލުމުގެ ކުރިން ވިސްނުމަށް އެދާއިރާގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި ސީޓިއެއްގައި ސައުދުﷲ ވިދާޅުވީ 2014ގެ މަޖިލިސް އިންތިޚާބުގެ ކެމްޕޭންގައި،" އެއްވެސް ފަރާތަކުން ޤާނޫނު އަސާސީއާއި ޤާނޫނާއި ޚިލާފަށް ކުރާ އެއްވެސް ކަމަކަށް އެއްބާރުލުން ނުދޭނެކަމަށާއި، އެފަދަ ކަންކަން ހުއްޓުވަން ކުރެވުނު މަސައްކަތެއް ކުރާނެކަމަށް" ވައުދުވެވަޑައިގެންފައިވާނެކަމަށެވެ. އަދި މިއަދު ވެސް ހުންނެވީ އެގޮތުގައި ކަމަށް ސައުދުﷲ ވިދާޅުވިއެވެ.
ސައުދުﷲ ވިދާޅުވީ 2014ވަނަ އަހަރު އޭނާ މަޖިލީހަށް ހޮވިވަޑައިގެންނެވި އިރު، ތިނަދޫ އުތުރު ދާއިރާގައި ތިބީ ޕީޕީއެމްގެ ގިނަވެގެން 300 މެމްބަރުންނަށް ވިޔަސް، 1024 ވޯޓު ލިބިވަޑައިގެން މަޖިލީހަށް ހޮވިވަޑައިގަތުމުން އެއީ ޕީޕީއެމްގެ މެމްބަރުންގެ ވޯޓުން އެކަނި ހޮވުނު ހޮވުމެއް ނޫންކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ޕީޕީއެމްގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރުންގެ 90 އިންސައްތައަކީ ރައީސް މައުމޫންގެ ސަޕޯޓަރުންކަންވެސް ސައުދުﷲ ފާހަގަކުރެއްވިއެވެ. ސައުދުﷲގެ ކެމްޕޭންގައި އޭރު ތިނަދުއަށް ވަޑައިގެންނެވި ޕީޕީއެމްގެ އިސްބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުން މިއަދު ސަރުކާރުން ބޭރު ކުރައްވައިފައިވާކަން ފާހަގަކުރައްވާ ސައުދުﷲ ވިދާޅުވީ އެހުރިހާ ކަމެއްގެ ސަބަބުން އޭނާ ޕީޕީއެމްއިން ވަކިވެވަޑައިގަތުމަށް ޖުލައި 10ގައި އެދިވަޑައިގެންފައިވާނެކަމަށެވެ.ސައުދުގެ ކެމްޕޭނަށް ތިނަދޫއަށް ވަޑައިގެންނެވި ސަރުކާރުގެ އޭރުގެ އިސްބޭފުޅުންގެ ތެރެއިން އޭނާ ނަން ފާހަގަކުރައްވާފައިވާ ބޭފުޅުންނަކީ؛ އޭރުގެ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު، އޭރުގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު، އޭރުގެ ޔޫތު މިނިސްޓަރ މަލީހު ޖަމާލު އަދި އޭރުގެ ރައީސް އޮފީހުގެ މިނިސްޓަރ އަބްދުﷲ އަމީނެވެ.
އެހެން ނަމަވެސް ޕީޕީއެއިން ވަނީ ސައުދުﷲއާއި އަދިވެސް އެހެން ބައެއް މެމްބަރުން ވަކިވެވަޑައިގަތުމަށް އެދި ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވާ ގޮތަށް އެބޭފުޅުން ޕާޓީއިން ވަކި ކުރުމަށްއޭރު ދެކޮޅު ހަދާފައެވެ. ޕީޕީއެމްއިން ފަހުން އެބޭފުޅުން ވަކިކުރުމާ ގުޅިގެން، އިލެކްޝަން ކޮމިޝަނުން މަޖިލީހުގެ ގޮނޑި ގެއްލުވާފައިވަނީ އޭގެ ފަހުން ޤާނޫންތަކަށް ގެނައި ބަދަލުތަކުގެ ތެރެއިންނެވެ. ގޮނޑި ގެއްލުވާލި މަޖިލިސް މެމްބަރުން ވިދާޅުވަމުން ގެންދަވަނީ އެބޭފުޅުންގެ މެމްބަރުކަން ގެއްލުވާލާފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި، ސުޕްރީމް ކޯޓުގެ ހުކުމްތަކާއި ޚިލާފަށް ކަމަށެވެ.
ސައުދުﷲގެ ސިޓީ ނިންމަވާލައްވާފައި ވަނީ ބައި އިލެކްޝަނެއް އެދާއިރާގައި ބާއްވައިފިނަމަ، އެ ބައިއިލެކްޝަންގައި ވޯޓުލުމުގެ ކުރިން ވިސްނުމަށް އެދާއިރާގެ ރައްޔިތުންނަށް ގޮވާލައްވަމުންނެވެ. ސައުދުﷲ އަކީ ޕީޕީއެމްގެ އިތުރުން ތިނަދޫގައި އެމްޑީޕީގެ މެމްބަރުންގެ މެދުގައިވެސް މަޤްބޫލު ބޭފުޅެކެވެ.
Thinadhoo ge lobuvethi rayyithunnah! pic.twitter.com/OctVJWLK13
— Saudulla (@saudullahilmy) November 6, 2017
ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލުވާލާފައިވަނިކޮށް، ސައުދުﷲ އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ ގޮނޑިވެސް މިދިޔަ އޮކްޓޯބަރު މަހުގެ 30ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ގެއްލުވާލާފައެވެ.