ހއ. ހޯރަފުށި ބަނދަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އެއްކޮށް ނުނިމެނީސް، އެ ޕްރޮޖެކްޓަށް ހޯރަފުއްޓަށް ގެންގޮސްފައިވާ ތަކެތި ހދ. ކުޅުދުއްފުއްޓަށް ގެންދާތީ އެކަމާ ހިތްހަމަ ނުޖެހިގެން ހޯރަފުށި ރައްޔިތުން ނިކުމެ ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.
ނަން ސިއްރުކޮށްދިނުމަށް އެދި ހޯރަފުށި ރައްޔިތަކު "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން ބުނީ ހޯރަފުށި ބަނދަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމިފައި ކަމަށެވެ. ނަމަވެސް އެ ޕްރޮޖެކްޓް އެއްކޮށް ނިމިފައިނުވާ ކަމަށާއި އަދި ބަނދަރުގައި މަރާމާތު ކުރަންހުރި ތަންތައް އެބަހުރި ކަމަށް އޭނާ ބުންޏެވެ.
މީގެއިތުރުން އޭނާ ބުނީ ބަނދަރު ރިވެޓްމަންޓްގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު، ރިވެޓްމަންޓް ޖަހާފައިވާ ބައެއް ތަންތަން ހަލާކުވެފައިވާތީ، އެތަންތަން ރަނގަޅު ކޮށްދިނުމަށް އެދިފައިވާ ކަމަށެެވެ. ރިވެޓްމަންޓް ޖެހުމަށް ފަޅުތެރޭގައި އެއްކޮށްފައިވާ ވެލިގަނޑުވެސް އަދި ނަގާފައިނުވާއިރު އެތަން ފުންކޮށްދިނުމަށްވެސް އެދިފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ބަނދަރު ސަރަހައްދުގެ ވެލިގަނޑު ވެސް ލެވެލް ކޮށްދިނުމަށް އެދިފައިވާ ކަމަށާއި އެއިން އެއްވެސް ކަމެއް ނުކޮށް، ރިވެޓްމަންޓް ޖެހުމުގެ ޕްރޮޖެކްޓް ނިމުނު ކަމަށް ނިންމައި އެރަށުގައިހުރި ވެހިކަލްތައް އެރަށުން ބޭލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭނާ ބުނީ ޕްރޮޖެކްޓް ނިމުނުކަން އެ ޕްރޮޖެކްޓް ހިންގާ އެންވަޔަރަމަންޓް މިނިސްޓްރީއާއި އެމްޓީސީސީން އެރަށު ކައުންސިލަށްވެސް އަންގާފައިނުވާތީ، އެކަންކަން ސާފުކޮށްދިނުމަށް މިނިސްޓްރީއާއި އެމްޓީސީސީއަށް ލިޔުމުން އެރަށު ކައުންސިލުން އެދިފައިވާކަމަށް ކައުންސިލުން ބުނެފައިވާ ކަމަށެވެ.
އޭނާ ބުނީ ހޯރަފުއްޓަށް ކޮޅު ވެއްޓިއެއް އައިސް ވެހިކަލްތައް ގެންދަން މަސައްކަތް ކުރުމުން ރަށުގެ ރައްޔިތުން ނިކުމެ ނުރުހުން ފާޅުކުރުމުން ވެހިކަލްތައް އަދި ގެންގޮސްފައި ނުވާކަމަށެވެ. ނަމަވެސް ބައެއް އެހެނިހެންތަކެތި ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ރިވެޓްމަންޓް މަސައްކަތް ނިމުނު ކަމަށްވާނީ ހަލާކުވެފައިވާ ތަންތަން މަރާމާތުކޮށް ވެލިގަނޑުވެސް ލެވެލްކޮށް، އެކަމާ ގުޅުންހުރި ކަންކަން ހައްލު ކުރުމުން ކަމަށާއި އެކަންކަން ނިމުމުން ވެހިކަލްތައް ގެންދިޔުމަށް ރަށުގެ ރައްޔިތުން ދެކޮޅު ނުހަދާނެ ކަމަށެވެ.
ހޯރަފުށީގައިހުރި ވެހިކަލްތައް ކުޅުދުއްފުއްޓަށް ގެންދަން ނިންމާފައިވާއިރު، ކުޅުދުއްފުށީގައި ދަނީ އެއާރޕޯޓް އެޅުމުގެ މަޝްރޫއުއަށް ބިންހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުޅުދުއްފުށި ކުޅި ހިއްކަން ސަރުކާރުން ނިންމާފައިވާތީ ތިމާވެއްޓާބެހޭ ބައެއް ޖަމްއިއްޔާ ޖަމާއަތްތަކުން ގެންދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި ކުޅުދުއްފުށީގެ ކުޅި ހިއްކާތީ އެރަށުގެ ބައެއް ރައްޔިތުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.