ބޮޑު ތަފާތަކުން ކްލަބް ގްރީން ސްޓްރީޓް ބަލިކުރުމަށް ފަހު، ގދ.ތިނަދޫ ގަދަ ހަތަރެއްގެ އުންމީދު އާކޮށްފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ގްރީންއާ ވާދަކޮށް ތިނަދޫ އިން މެޗު ކާމިޔާބުކުރީ 0-7 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 8 ވަނަ މިނެޓުގައި ތިނަދޫ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަންސަރު އިބްރާހިމް (އަންކޮ) އެވެ.
މި ލަނޑަށްފަހު ވެސް ތިނަދޫ އިން ވަނީ ބޯޅަ ކޮންޓްރޯލްކޮށް މޮޅަށް ކުޅެފައެވެ. އެގޮތުން 21 ވަނަ މިނެޓުގައި ކޮލަމްބިއާގެ ފޯވާޑް އަވީލާ އިތުރު ލަނޑެއް ޖަހާ ތިނަދޫ އަށް ލީޑު ފުޅާކޮށްދީފައިވާއިރު، އޭގެ 10 މިނެޓު ފަހުން އޭނާ ވަނީ ތިނަދޫ އަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. އަވީލާ އޭނާގެ ހެޓްރިކް ފުރިހަމަކުރީ އޭގެ މިނެޓެއް ފަހުންނެވެ.
ފުރަތަމަ ހާފް ނިމުނީ 0-4 ގެ ނަތީޖާއަކުން ގްރީންގެ މައްޗަށް ތިނަދޫ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގައިވެސް ތިނަދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، އެޓީމުގެ ފަސްވަނަ ލަނޑު 52 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. އޭގެ ހަތަރު މިނެޓު ފަހުން ތިނަދޫގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީވެސް ރިޒޭއެވެ.
މެޗު ނިމެމުންދަނިކޮށް ތިނަދޫގެ ހަތްވަނަ ލަނބޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި އަލީ ހައިސަމްއެވެ.
މި ނަތީޖާއާއެކު ތިނަދޫ ވަނީ 12 މެޗުން 15 ޕޮއިންޓް ހަމަކޮށްފައެވެ. މެޗުން ބަލިވި ގްރީން އޮތީ 12 މެޗުން 16 ޕޮއިންޓް ހަމަކޮށްފައެވެ. ގްރީން އޮތީ ހަތަރުވަނައިގައެވެ.