ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އުވާލަން ޔުނިވާސިޓީގެ ކައުންސިލުން ނިންމާފައިވާ ކަމުގެ މައުލޫމާތު ރާއްޖެއެމްވީއަށް ލިބިއްޖެއެވެ.
ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި 18 އަހަރު ވެފައިވާ ޔުނިވާސިޓީގެ ފެކަލްޓީ އެއްކަމަށްވާ ޝަރީއާ އެންޑް ލޯ އުވާލުމަށް ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީން އާއި އެކު ޔުނިވާސިޓީގެ ވައިސް ޗާންސެލަރ އަލީ ފަވާޒް ޝަރީފް ވަނީ އިއްޔެ ބައްދަލުކުރައްވާ, އެވާހަކަ ހިއްސާކުރައްވާފައެވެ. އަދި އެބައްދަލުކުރެއްވުމުގައި އެމްއެންޔޫ ބިޒްނަސް ސުކޫލްގެ ޑީން ވެސް ވަނީ ބައިވެރިވަޑައިގެންފައެވެ.
ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ އިސް ބޭފުޅަކު ރާއްޖެ އެމްވީއަށް ވިދާޅުވީ އެ ފެކަލްޓީ އުވާލުމަށްފަހު ލޯ، ނުވަތަ ޤާނޫނުގެ ބައި ބަދަލުކުރަނީ ސްކޫލް އޮފް ބިޒްނަސް އެންޑް ލޯއަށް ކަމަށާއި ޝަރީއާ ބައި އިސްލާމިކް ފެކަލްޓީއަށް ބަދަލުކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އެހެން ކަމަށް ވާނަމަ މިހާރު ޝަރީއާ އެންޑް ލޯ ކިޔަވާ ކުދިން ކިޔަވަންޖެހޭނީ ދެ ފެކަލްޓީއަކުންނެވެ.
ޔުނިވާސިޓީގެ ކައުންސިލް ބައްދަލުވުމެއް މާދަމާ އޮންނާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި ބަދަލު އަދި އެކައުންސިލަށް ހުށައަޅާފައި ނުވާއިރު، މައުލޫމާތު ލިބިފައިވާގޮތުގައި ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަމާދަމާ އެ ކައުންސިލަށް ހުށައަޅާނެއެވެ. އެ މައްސަލަ ކައުންސިލުން ނިންމައިފިނަމަ ފެކަލްޓީއޮފް ޝަރީއާ އެންޑް ލޯ އުވިގެންދާނެއެވެ.
މިހާރު ޔުނިވާސިޓީގެ ޝަރީއާ އެންޑް ލޯ ފެކަލްޓީ ހުންނަނީ ކުރީގެ އެމްއީއެސް ހުރި އިމާރާތުގައެވެ.
ގާތްތަނޑަކަށް 300 އަށްވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގައި ސެޓްފިކެޓް، އެޑްވާންސް ސެޓްފިކެޓް، ޑިޕްލޮމާ، ބެޗެލާސް އަދި މާސްޓާސް ފެންވަރުގައި ޝަރީއަތާއި ޤާނޫން އަންނަނީ ކިޔަވައިދެމުންނެވެ.