ބަޖެޓްގައި ފައިސާ ނެތިގެން ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން އިސްދޫ ކައުންސިލްގެ މުސާރަ ހިފަހައްޓާފައިވާ ކަމަށް އެ ރަށު ކައުންސިލުން ހޯމަ ދުވަހު ބުނެފި އެވެ.
އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލު ވިދާޅުވި އެ ކައުންސިލްގެ 19 މުވައްޒަފުންނަށް އޮކްޓޯބަރު މަހުގެ މުސާރަ އަދިވެސް ދޫނުކުރެވޭ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ފައިސާ ދޫނުކޮށް ހިފަހައްޓާފައި ވަނީ ކައުންސިލްގެ މުސާރަ ކޯޑްގައި ފައިސާ ނެތް ކަމަށް ބުނެ ކަމަށާއި ނަމަވެސް އަހަރުގެ ބަޖެޓް ފުރަތަމަ ދިން އިރު ވެސް މުސާރަ އާއި ކައުންސިލް ހިންގަން ބޭނުންވާ މިންވަރަށް ފައިސާ ހިމަނާފައި ނެތް ކަމަށް ހަލީލް ވިދާޅުވި އެވެ.
"މިދިޔަ އަހަރު ވެސް މުސާރަ ނުދެވުމުގެ މައްސަލަ ދިމާވި، މި އަހަރުގަ މި މައްސަލަ މާކުރިން މި ދިމާވީ. ކުރިއަށް އޮތް ދެ މަހުގައި ވެސް މުސާރަ ދެވޭނެ ކަމުގެ ޔަގީން ކަމެއް ނެތް،" ހަލީލް ވިދާޅުވި އެވެ.
މުވައްޒަަފުންނަށް މުސާރަ ނުދެވުމުގެ ސަބަބުން މާލީ ގޮތުން ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި މުވައްޒަފުން ތިބީ ހަޅުތާލަށް ނުކުންނަ ހިސާބުގައި ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.
އިސްދޫ ކައުންސިލްގެ ތިން މެމްބަރުން ވެސް ނިސްބަތްވަނީ އެމްޑީޕީ އަށެވެ.
އިސްދޫ ކައުންސިލްގެ މުވައްޒަފުންނަށް މުސާރަ ނުދެވޭ މައްސަލައިގައި ފިނޭންސް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.