ސިޔާސީ ގޮތުން އަތުވެދާނެ ލޮޅުންތަކާމެދު ދިވެހި އަސްކަރިއްޔާ ސަމާލުވާންޖެހޭކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ކަޅުތުއްކަލާ ކޮށީގައި އާދިއްތަ ދުވަހުގެރޭ ބޭއްވި އެމްއެންޑީއެފް ޑިފެންސް ކޮލެޖްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ތަފާތު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އަސްކަރިއްޔާ އިތުރަށް ވަރުގަދަކުރުމަށް ޑިފެންސް ކޮލެޖްގެ ތެރެއިން އަސްކަރިއްޔާގައި ދިރާސާކުރުމުގެ ސަގާފަތެއް އާލާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޔާސީ ގޮތުން ރާއްޖެއަށް އަތުވެދާނެ ލޮޅުންތަކަށް ރިޔާއަތްކޮށް އަސްކަރިއްޔާގެ ތަމްރީނުތައްވެސް ބައްޓަން ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.
"ރާއްޖޭގެ ސިޔާސީ މަޝްރަހު ރަނގަޅަށް ދިރާސާކޮށް ސިޔާސީ ގޮތުން ރާއްޖެއަށް އަތުވެދާނެ ލޮޅުންތަކާ ދޭތެރޭގައި ދިވެހި އަސްކަރިއްޔާގެ މި ކޮލެޖުން އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނާ ކުރިއަށް އޮތްތަނުގައި ތަމްރީނުތަކުގައި މިކަމުގެ މައްޗަށް ރިޔާއަތްކޮށްގެން އަޅުގަނޑުމެންގެ ތަމްރީންތައް ބައްޓަން ކުރަންޖެހޭ،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުން ދާއިރު، ސޯޝަލް މީޑިއާގެ ގަޑުބަޑުވުންތަކުގެ ތެރޭގައި ދުނިޔެއަށާއި ރާއްޖެއަށް އަތުވެދާނެ ބަދަލަކާ މެދު ޑިފެންސް ކޮލެޖު ތައްޔާރުވާންޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖެ މިނިވަންވެ ތަހުޒީބުވެ ގައުމަކަށްވެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތަށް ކަޅި އަޅަމުންދާ އެތަށް ބަޔަކު ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް އެބަ ތިބި ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަސްކަރިއްޔާގެ މަސައްކަތްތަށް ކުރެވެމުންދާއިރު، ހާއްސަ ގޮތެއްގައި ދިރާސާގެ މަސައްކަތްތަކެއް ކުރެވެމުން ގެންދަވާއިރު ރާއްޖެއަށް އެކިގޮތްގޮތުން ބޭރުގެ ނުފޫޒުތައް ވަންނަނީ ރާއްޖޭގެ މާހައުލުގައި ކޮން ކަހަލަ ސިފަތަކެއް ފެންނަން ހުންނަ ދުވަސްވެރެއްގައިތޯ ބެލުމަށް ރާއްޖޭގައި ހުރި އެހެން ގައުމީ ޔުނިވާސިޓީތަކާއި ގުޅިގެން ދިރާސާއެއް ހެދުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މިއަދު އަޅުގަނޑުމެން ކުރާން ވެއްޖެ ކަމެއް." މިނިސްޓާރ ވިދާޅުވިއެވެ.