އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓެއް އެމްޑީޕީން އެކުލަވާލާނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ނެރޭ ލިސްޓަކަށް އިތުބާރު ނުކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެމްޑީޕީ ހަރުގޭގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ނިޔާޒް ވިދާޅުވީ ރިޔާސީ އިންތިހާބު މިނިވަން ކުރުމަށް ރައްޔިތުން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓެއް އެމްޑީޕީއަށް ތައްޔާރު ކުރުމަކީ ނުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީޕީން އިތުބާރު ކުރާނީ އެމްޑީޕީން އެކުލަވާލާ ލިސްޓަށް ކަމަށްވެސް ފާހަގަ ކުރެއްވި އެވެ.
"އެ ލިސްޓުގައި (އެމްޑީޕީން ތައްޔާރުކުރާ ލިސްޓުގައި) ފާހަގަ ކުރާނަން އެ ބޭފުޅުން (އިލެކްޝަން ކޮމިޝަނުން) ކަނޑައަޅާ ތާރީހެއްގައި ވޯޓުލާނެ ސީދާ ރަޖިސްޓްރީ، 18 އަހަރު ފުރޭނެ މީހުން. އެދުވަހު މަރުވެފައި ނެތް ކަމަށް އެ ބޭފުޅުންގެ ލިސްޓުގައި އޮތް އެހެން ނަމަވެސް އަޅުގަނޑުމެންގެ ލިސްޓްގައި ހަގީގަތުގައި އެމީހުނަކީ މަރުވެފައި ތިބި މީހުންކަން އަޅުގަނޑުމެން ފާހަގަ ކުރާނަން. އަޅުގަނޑުމެން އެ ލިސްޓްގައި ފާހަގަ ކުރާނަން ރާއްޖެއިން ބޭރުގައި ދިރިއުޅޭ އެހެން ނަމަވެސް އެމީހުންގެ ނަމުގައި ވަގު އައިޑީކާޑު ހަދައިގެން ވޯޓުލާ މީހުން،" ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވި ގޮތުގައި އެގޮތަށް ލިސްޓެއް ތައްޔާރުކުރަން ޖެހެނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި 5000 މީހުންގެ ނަމުގައި ވަގު ވޯޓު ލާފައިވާ ކަމުގެ ހެކިތައް ހުރުމުން ކަމަށެވެ.
"އެންމެ ބޮޑު ކަމެއްގެ ގޮތުގައި ބޭނުންކޮށްފައި އޮތީ އެތައް ދުވަހެއް ވަންދެން ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންގެ ލިސްޓް ނަގައި، އެމީހުން ދެ ވަނަ ބުރުގައި ވޯޓުނުލާނެކަން ޔަގީންކޮށް، އެމީހުންގެ ނަމުގައި އައިޑީކާޑު ހަދައިގެން އެމީހުން ލައްވާ ވޯޓުލެއްވީ އެއީ އަޅުގަނޑުމެނަށް އެނގޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ނިޔާޒް ފާހަގަ ކުރެއްވި ގޮތުގައި މަރުވެފައި ތިބި މީހުންގެ ލިސްޓް ބެލެހެއްޓުމަކީ ދައުލަތަށް ބޮޑު ކަމަކަށްވިއަސް އެއީ އެމްޑީޕީއަށް ބޮޑު ކަމެއް ނޫނެވެ.
"އަޅުގަނޑުމެންގެ ގޮފިތައް، އަޅުގަނޑުމެންގެ ނެޓްވޯކް ރާއްޖޭގެ 187 ރަށުގައި އެބަ އުޅޭ. އެތަން ތަނުން އަޅުގަނޑުމެނަށް ގޭގެއަށްގޮސް ފާހަގަ ކުރެވޭނެ އެގޭގެއިން މަރުވެފައި ތިބި މީހުންނާއި އަދި 2018 ވަނަ އަހަރުގައި އެ ބޭފުޅުން ވޯޓުލާން ކަނޑައަޅާ ތާރީހެއްގައި ވޯޓުލެވޭނެ މީހުން. އެކަން އަޅުގަނޑުމެނަށް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އިންތިހާބު ބާއްވަން ޖެހޭ ތާރީހުގައި އިންތިހާބު ނުބާއްވަފާނެ ކަމަށާއި އެހެން ނަމަވެސް އިންތިހާބު ބާއްވާނެ ކަމަށާއި އަދި އެ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ހެދުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ނިޔާޒް ވިދާޅުވި އެވެ.