އަހަރަކު އެއް ފަހަރު ވޯލްޑް ބޭންކުން ނެރޭ އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސް ނުވަތަ ވިޔަފާރި ކުރަން ފަސޭހަ މިންވަރު ބެލުމަށް ރޭންކްކުރާ ލިސްޓް (ޑީބީއައި 2018) ގައި މި އަހަރު ރާއްޖެ އެއް ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.
ދުނިޔޭގެ ވިޔަފާރިއާ ބެހޭ ޖަމިއްޔާ، ވޯލްޑް ބޭންކުން ނެރެފައިވާ ލިސްޓުގައި މި އަހަރު ރާއްޖެ އުޅެނީ 136 ވަނާގަ އެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ 135 ވަނާގަ އެވެ. އަދި އޭގެ ކުރީ އަހަރު އޮތީ 129 ވަނާގަ އެވެ.
އަހަރު އެއް ފަހަރު ނެރޭ މި ލިސްޓުގައި ވިޔަފާރީގެ މާހައުލުން ފާހަގަ ކުރެވޭ 10 ކަމެއްގެ މައްޗަށް ބަލަ އެވެ. މިގޮތުން ބަލާ ކަންތައްތަކުގެ ތެރޭގައި ވިޔަފާރި ފެށުމާއި ކުންފުނީގެ އޮފީހާއި އެ ނޫން ވެސް އިމާރާތްތައް ރަޖިސްޓްރީ ކުރުމުގެ ބައިން އިތުރުން، ލޯނު ހޯދުމާއި ޓެކްސް ދެއްކުން އަދި ގުދަން ހަދަން ހޭދަވާ މުއްދަތާއި ކަރަންޓު ލުން އަދި މުދާ އެތެރެކޮށް ބޭރު ކުރުމުގެ ހިދުމަތަށް ނަގާ ވަގުތު ވެސް ހިމެނެ އެވެ.
މީގެ އިތުރުން، ކުދި އިންވެސްޓަރުންގެ ހައްގު ހިމާޔަތް ކުރުމާއި އެއްބަސްވުންތައް ތަންފީޒުކޮށް، ވިޔަފާރިއާ ގުޅުންހުރި ޝަރުއީ ކަންތައްތަކުގެ އިތުރުން ގާނޫނުތައް މެދުވެރިކޮށް މައްސަލަތައް ހަމަޖެއްސުން ހިމެނެ އެވެ. މިގޮތުން މި އަހަރު ގިނަ ދާއިރާތަކުން ވަނީ ކުރިއެރުން ހޯދާފަ އެވެ. މިގޮތުން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ޓެކްސް ދެއްކުމުގެ ބައިންނެވެ. މިދިޔަ އަހަރު 143 ދަރަޖާއި އޮތް މިބައި މި އަހަރު ވަނީ 118 ދަރަޖައަށް ޖެހިލާފަ އެވެ.
އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސް އަކީ ވޯލްޑް ބޭންކުން ކުރާ އެންމެ މުހިއްމު ދިރާސާ އެވެ.
ޑީބީއައިގައި ރާއްޖެ ހަ އަހަރު
* 2013 ގައި 85 ދަރަޖަ
* 2014 ގައި 79 ދަރަޖަ
* 2015 ގައި 95 ދަރަޖަ
* 2016 ގައި 129 ދަރަޖަ
* 2017 ގައި 135 ދަރަޖަ
* 2018 ގައި 136 ދަރަޖަ
މި ދިރާސާގައި ރާއްޖޭގެ ރޭންކިން މަތި ކުރުމަށް އިކޮނޮމިކް މިނިސްޓްރީން މަސައްކަތް ކުރެ އެވެ. އެހެން ނަމަވެސް އެދެވޭ ކުރިއެރުންތަކެއް ނުހޯދެ އެވެ. އެހެން ދިމާވަނީ ވޯލްޑް ބޭންކަށް ތަފާސްހިސާބު ފޮނުވުމުގައި ދިމާވާ މައްސަލަތަކުން ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.