ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެ ސަހަރަހައްދުގައި އެއާޕޯޓެއް އަޅާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މީގެ ހަތަރު އަހަރުކުރިން ވިދާޅުވިއިރު، އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާނެ ވާހަކަ އެ ދުވަސްވަރު އެއްވެސް ފަރާތަކުން ނުދެއްކީ ކީއްވެގެންތޯ ވިދާޅުވެ، ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ލަތީފް ފާޑުވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޚަބަރު ފީތާ ޕްރޮގްރާމްގައި އާދީއްތަ ދުވަހު އަބްދުލް ލަތީފު ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާނެ ކަމަށް 2013 ގެ ރިޔާސީ ކެމްޕޭނުގައި ރައީސް ޔާމީން ވައުދުވެވަޑައިގެންނެވުމަށް ފަހު، އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސްކަން ކުރެއްވި އަހްމަދު އަދީބު ދެއްވި ކަމަށެވެ. ނަމަވެސް އޭރު ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ މަދަނީ މަޖިއްޔާތަކާއި ކުޅިހިއްކާތީ ކަންބޮޑުވާ ފަރާތައް ފެނިގެން ނުދިޔަ ކަމަށް ލަތީފް ވިދާޅުވި އެވެ.
"މިވީހާތަނަކަށް މި ހަތަރު އަހަރުގެ ތެރޭގައި މި ކުޅި ހިމާޔަތް ކުރުމުގެ ވާހަކަ އެއް ދެކެވިފައެއް ނުވޭ، އެފްބީގައި ވެސް އާޓިކަލް ވެސް ކުޅި ހިމާޔަތް ކުރުމާ ގުޅޭގޮތުން، ކުޅުދުއްފުށީ ކުޅީގެ މުހިންމު ކަމާއި ގުޅޭގޮތުން ދެކެވިގެން ދިޔަ ތަނެން ނުފެނޭ،" ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމާ ދެކޮޅަށް ބައެއް ފަރާތްތަކުން އަޑުއުފުލަމުންދާތީ އެކަމަށް ރައްދު ދެއްވައި ލަތީފު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ކުޅީ މުހިންމުކަން މީހުންނަށް އެނގުނީ، އަދި އެ ވާހަކަ ދައްކަން ފެށީ، ކުޅި އާއި ބިން ހިއްކުމަށް، ކޮންނަ ބޯޓް، މަހާ ޖައްރާފް އެރަށަށް ބަނދަރުކުރުމުން ކަމަށާއި އޭގެ ކުރިން އަޑުތައް އުފުލަމުން ދިޔައީ ރައީސް ޔާމީން ވައުދުވެވަޑައިގެންނެވި އެއާޕޯޓް ކޮބައިތޯ ކުރެވޭ ސުވާލު ކަމަށް ލަތީފް ވިދާޅުވި އެވެ.
"ކޮބާހޭ އެއާޕޯޓް، ކޮބާހޭ އެއާޕޯޓް، އަޅުގަނޑުމެން ކިޔަމުން ދިޔައީ، އެއާޕޯޓް އަޅަނީ ކުޅީގައިކަން ވެސް އެބަ އިނގޭ، އެއާޕޯޓް ކޮބާހޭ ސުވާލު ކުރަމުން މި ދިޔައީ، އެހެން ނަމަވެސް ބޯޓް އައުމާ ހިސާބުން މި ބަދަލުވީ އެހެން ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.
ލަތީފް ވިދާޅުވީ ކުޅުދުއްފުށީގެ އާބާދީގެ 98 ޕަސެންޓް ރައްޔިތުން އެރަށުގެ ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމަށް ބޭނުންވާ ކަމަށާއި އެކަމުގައި ތަފާތު ސިޔާސީ ފިކުރުގައި ތިއްބެވި ރައްޔިތުންގެ ހިޔާލު ވެސް ތަފާތު ނުވާ ކަމަށެވެ.