މި މަހުގެ 21 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވިމެންސް ފުޓްބޯލް ލީގް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފިއެވެ.
އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނީ މި މަހު 21 ގައި ފެށުމަށް ހަމަޖެހިފައިވާ ވިމެންސް ފުޓްބޯލް ލީގު އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
އެފްއޭއެމް އިން ބުނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު އަދި އަމިއްލަ ފަރާތްތަކުގެ ކުންފުނިތަކާއި ކްލަބްތަކާއި އަދި ސްކޫލްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު، މި މަހު 12 ވަނަ ދުވަހުގެ މެންދުރު 14:30 ގެ ކުރިން އެ އެސޯސިއޭޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.
މީގެއިތުރުން އެފްއޭއެމް އިން ބުނީ މުބާރާތުގައި ބައިވެރިވާ ޓީމް ލިސްޓް ފޯމް މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 14:30 ގައި ހުށަހަޅަން ޖެހޭނެ ކަމަށާއި، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް، އަދި މުބާރާތުގެ ގަވައިދު ރަސްމީ ބަންދު ފިޔަވައި ކޮންމެ ދުވަހެއްގެ، ހެނދުނު 09:30 އާއި މެންދުރު ފަހު 15:30 އާ ދެމެދު އެ އެސޯސިއޭޝަނުން ލިބެން ހުންނާނެ ކަމަށެވެ.
އެފްއޭއެމް އިން އަންނަނީ އަންހެން ފުޓުބޯޅަ ކުރިއެރުވުމަށް ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އެ އިދާރާއިން ވަނީ މިހާތަނަށް ރާވައިގެން އަންހެން ދެ މުބާރާތެއް ކުރިޔަށް ގެންގޮސްފައެވެ.