ރައްޔިތުންގެ މަޖިލީހުން ހޯމަ ދުވަހަށް ޖަލްސާއެއް ބާއްވަން ނިންމައި، ކޮމެޓީން ނިންމާފައިވާ ރިޕޯޓެއް އެޖެންޑާގައި ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަކީ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ނުވަތަ ފަހު ދައުރުގެ ހަ ވަނަ ޖަލްސާ އެވެ.
މި ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން " ކިގާލީ އެމެންޑްމަންޓް ޓު ދަ މޮންޓްރިއަލް ޕްރޮޓޮކޯލް" ދިވެހިރާއްޖެއިން ތަސްދީގުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ފޮނުއްވާފައިވާ މައްސަލައިގައި ގައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓެވެ.
އެ ރިޕޯޓް މަޖިލީހަށް އިއްވުމަށްފަހު، މެމްބަރުންނަށް ބަހުސް ކުރެއްވުމަށް ފުރުސަތު ދެއްވުމަށް ފަހު ވޯޓަށް އެއްސެވުމަށް ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރު މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށްދާއިރު މިހާތަނަށް ބޭއްވިފައިވަނީ ފަސް ޖަލްސާ އެވެ. މި ދައުރު ކުރިއަށްދާނީ މި ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
މަޖިލީހުގެ މިދައުރުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމާއި މެމްބަރުން ބަހުސްކުރުމާއި ދިރާސާ ކުރުމުގެ މަސައްކަތް ތަކެވެ. ބަޖެޓް ދިރާސާ ކުރުމަށް ފަހު މި ދައުރުގެ ޖަލްސާތައް ނިމުމުގެ ކުރިން ބަޖެޓް ފާސްކުރަން ޖެހެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައި މަޖިލީހަށް ފޮނުވާފަ އެވެ.
އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވަނީ ސަރުކާރުން ހުށަހެޅި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ފާސްކޮށްފަ އެވެ. މިއީ މިފަހުން މަޖިލީހަށް ހުށަހެޅިގެން ދިޔަ ފުރަތަމަ ސަޕްލިމެންޓަރީ ބަޖެޓެވެ. އަހަރު ނިމެން ދެމަސް ދުވަހަށް ކައިރިވެފައި ވަނިކޮށް ސަރުކާރުން ހުށަހެޅި އެބަޖެޓް ފާސްކޮށްފައި ވަނީ 39 މެމްބަރުންގެ އިއްތިފާގުން ނެވެ. އިދިކޮޅު މެމްބަރުން ސަޕްލިމެންޓަރީ ބަޖެޓްގެ ބަހުސްގައި އަދި ވޯޓުގައި ވެސް ބައިވެރިއެއް ނުވެއެވެ.